ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ޓެންޑަރކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކާގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހއ. ކެލާ، ރ. އިނގުރައިދޫ އަދި ފ. ފީއަލީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރކުރުމަށް މި މަސްތެރޭގައި ފިނޭންސަށް ފޮނުވޭނެ ކަމަށެވެ.

Ad
rt

އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ އއ. ތޮއްޑޫ، ހދ. މަކުނުދޫ، ށ. ގޮއިދޫ، ށ. ކަނޑިތީމު، ކ. ގާފަރު އަދި އއ. އުކުޅަސް ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރކުރުމަށް އަންނަ މޭ މަސް ތެރޭގައި ފިނޭންސަށް ފޮނުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ހިނގާ 2022 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓުގައި ހިމެނޭ ށ. މަރޮށި، އުތީމު، ކެންދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްގެން ކުރިއަށް އެބަދޭ. އަދި ނ. ލަންދޫ، ތ. ދިޔަމިނގިލި، ދިއްގަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރކުރެވި، މި ތަންތަނަށް މަސައްކަތްކުރުމަށް މި ހިނގާ އެޕްރީލް މަހުގެ ތެރޭގައި ކޮންޓްރެކްޓަރުންނާ ހަވާލުކުރެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، މީގެއިތުރުން ޕީ.އެސް.އައި.ޕީގައި ހިމެނިފައިނުވާ މަޝްރޫޢުތަކަށް ފައިސާ ލިބިފައިވާ ގޮތަށް ރިއާއަތްކޮށް، އަހަރުގެ ކުރީކޮޅުގައި ފެށެންނެތް ޕްރޮޖެކްޓުތައް އަހަރުގެ ފަހު ކުއާޓަރުތަކުގައި ފެށުމަށް ވަނީ ޕްލޭންކުރެވިފައި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީމް ވަނީ މި ސަރުކާރުން ރާއްޖޭގެ 7 ސަރަޙައްދެއްގައި ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ކްވޭތު ފަންޑްގެ ދަށުން ލިބެންޖެހޭ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.