އެމެރިކާގެ ފްލޮރިޑާގެ ރައްޔިތެއް ކަމަށްވާ ޓްރިސްޓަން ތެރަރޯޓުއާ ރާއްޖެއައީ ޗުއްޓީ ހޭދަކޮށް މަޖާކޮށްލުމަށެވެ. އޭނާ ޗުއްޓީ ހޭދަ ކުރަމުން އައީ އައްޑޫގައެވެ.

މިފަތުރުވެރިޔާ އަކީ ޖިގިންގެ މަސްވެރިކަން ކުރާފަރާތެކެވެ. މިދަތުރުގައި އޭނާ ބޭނި މަހުން ދުނިޔޭގެ ރެކޯޑެއް ވަނީ މުގުރާލާފަ އެވެ. ޓްރިސްޓަން މިދިޔަމަހުގެ 15 ވަނަ ދުވަހު މަސްބާނަން ގޮސް ބޭނި މަހަކީ “ބްލެކް ސްނޯކް” (ތޮޅީގެ ބާވަތެއް) އެކެވެ. އެ މަސް މުހިންމުވީ އޭގެ ސައިޒުގެ ސަބަބުންނެވެ. އެއީ 14 ކިލޯގެ 68.5 އިންޗީގެ މަހެކެވެ. އެއީ މިހާތަނަށް ދުނިޔޭގައި ބޭނި އެ ބާވަތުގެ އެންމެ ބޮޑު މަސްކަމުގައި މިވަނީ ރެކޯޑުކުރެވިފަ އެވެ.

Ad
rt

އެއީ އޭނާ އެ ދަތުރުގައި ބޭނި ފުރަތަމަ މަހެވެ. އެ މަހުގެ ސަބަބުން މިއަދު ޓްރިސްޓަން ވަނީ ދުނިޔޭގެ ރެކޯޑެއް ހަދައިފައެވެ.

އޭނާ ބޭރުގެ މީޑިއާތަކަށް ކިޔައިދިން ގޮތުގައި އައްޑޫ ސްޕޯޓްސް ފިޝިންގެ ގައިޑެއް ކަމަށްވާ އަބްދުﷲ އާނިފްއާއެކު އެ މީހުން މަހަށްދިޔައީ ރޭގަނޑު 7:30 ހާއިރު ކަމަށެވެ. އެ މީހުން ދިޔައީ ފާނަ ބާނަން ވެގެންކަމަށް ވެސް އޭނާ ބުންޏެވެ.

އެ ތޮޅި ނަނުގައި ހިފުމުން އެންމެ ފުރަތަމަ އެމީހުން ހީކުރޯ އެއީ މިޔަރެއް ކަމަށެވެ. ނަމަވެސް ނެގިއިރު އެއީ ބްލެކް ސްނޯކެއްކަން އެނގިގެން އައިޖީއެފްއޭ ސެޓިފިކޭޝަނަށް ހުށަހަޅަން ނިންމީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އައިޖީއެފްއޭ ސެޓިފިކޭޝަނަކީ ނަނުން ބާނާ މަހުގެ ހާއްސަ ކަމަށް ބަލައި ސެޓިފިކޭޝަނަކެވެ. އެތަނަށް ފޮނުވުމުން އެއީ މިހާތަނަށް އެ ބާވަތުގެ ބޭނި އެންމެ ބަރު މަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މީގެ ކުރިން ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ބޭނި އެންމެ ބަރު ބްލެކް ސްނޯކުގައި ހުރީ 12.5 ކިލޯއެެވެ. އެއީ ޖަޕާނުގައި ބޭނި މަހެކެވެ.