ހއ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން ކަމަށް ބުނެ ޔޮޓް ޓުއާސަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން އަލިދޫ ރިސޯޓް ހިންގިއިރު 2014 ވަނަ އަހަރު މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސްގެ ފައިސާގެ ގޮތުގައި 22 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ރިސޯޓަށް މޫސުން ގޯސްވެ، ގެއްލުން ލިބުނު ކަމަށް ބުނެ ޔޮޓް ޓުއާސުން ދެއްކި ވާހަކަތަކާއި ހުށަހެޅި ލިޔުންތައް ދިމާނުވާ ކަމަށެވެ. އަދި ރިސޯޓަށް މޫސުން ގޯސްވި ކަމަށް އެ ކުންފުނިން ބުނާ ދުވަސްވަރަކީ އެ ސަރަހައްދަށް ކަނޑުމަޑު ދުވަސްވަރެއް ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސްގެ ރިޕޯޓުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އަދި ލިބުނު ގެއްލުން ކަމަށް ބުނެ ހުށަހެޅި ހިސާބުތަކުން އެއީ އެ ހާދިސާގެ ސަބަބުން ހިނގިކަމެއް ކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ފުލުހުން ތައްޔާރުކުރި ރިޕޯޓުގައި ވެސް، އެ ގެއްލުންތައް ލިބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެކަނި ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ޔޮޓް ޓުއާސްއިން އަމަލުކުރި ގޮތަށް ބަލާއިރު ހެޔޮ ނިޔަތެއް އެ ކުންފުނީގެ ނެތް ކަމަށާއި އަދި އެ ކުންފުނިން މަސައްކަތްކުރީ ރިސޯޓްގެ ބާވެފައި ހުރި ތަންތަން މަރާމާތު ކުރުމުގެ ޚަރަދު އިންޝުއަރެންސްގެ ފައިސާއިން ހޯދަން ކަމަށް ބެލެވޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!