ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްްޗަށް ކުރާ ރިޝްވަތުގެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އޭނާ އަތުން ނެންގެވި ކަމަށް ބުނެ ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުގެ ހެކިތަކާ ބެހޭގޮތުން ދެއްކި ވާހަކަތަކަށްފަހު އެ މައްސަލަ ބައްލަވާ އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ ޔާމީނަށް ޔޫސުފް ނައީމް ދިން ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ދިން ފައިސާއެއް ކަމަށެވެ. އެއީ ރިޝްވަތެއް ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އާރަށް ކުއްޔަށް ދިނީ އޮންނަ އުސޫލުތަކުގެ ތެރެއިން ހުރިހާ ކަމެއް ފުރިހަމަކުރުމުން ކަމަށާއި އެއީ ޔާމީން ނުފޫޒު ފޯރުވައިގެން ދިން ރަށެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުލަތުން ދައުވާކުރަނީ ޔާމީން ފްރޭމް ކުރުމަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ޔޫސުފް ނައީމްގެ ވަކީލުން ބުނީ އެ ފައިސާއަކީ ޔާމީނާ ދެމެދު އަމިއްލަ ގޮތުން ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ. އަދި ރަށް ކުއްޔަށް ދިނުމާ ގުޅުމެއް ނެތް ކަމަށް ވަކީލުން ބުންޏެވެ.
ޔާމީނާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ހުށަހަޅާފައިވާތީ ޖަމީލް ވިދާޅުވީ އެ ދެ މީހުންގެ ހެކިބަހަށް ބާރުދޭނެ އިތުރު ހެއްކެއް ނެތް ކަމަށެވެ. އަދި އެ މީހުުންގެ ބަހަށް އެކަނި ބިނާކޮށް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުން ބުނީ މިއީ ހެކި ބަލައިނުގަތުމަށް ހުށަހެޅޭނެ މަރުހަލާއެއް ނޫން ކަމަށެވެ. އަދި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ފްރޭމް ކުރަން ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ މަހު ބާއްވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!