"ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވެފައިވާ ބައެއް އުފެއްދުންތައް ރާއްޖޭގައި ވިއްކައި، ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްއެފްޑީއޭ) އިން އެދިއްޖެއެވެ.
އެފްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސެލްމޮނެއްލާއިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމަށްވާ "ވޭސްޓެޖަން ސްޕައިސެސް އެންޑް ސޯސެސް ބީވީ" ބްރޭންޑުގެ "ހާބަލް މިކްސް" ރާއްޖެއަށް އެތެރެވެފައިވާކަން އެ އޮތޯރިޓީއަށް ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އަންގާފައިވާ ކަމަށެވެ.
އެ އުފެއްދުމަކީ ނެދަލޭންޑްސްގެ އުފެއްދުމެއް ކަމަށާއި އެ އުފެއްދުން އެކްސްޕޯޓް ކޮށްފައިވަނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "އެންއެލް ފުޑް ބީވީ" ކުންފުނިން ކަމަށްވެސް އެމްއެފްޑީއިން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖަރާސީމުން ތަޣައްޔަރުވެފައިވާ އުފެއްދުންތަކެއް ރާއްޖޭގައި ބޭނުންކުރަމުންދާ ކަމަށް ބުނެ ލިބުނު އެލާޓާއި ގުޅިގެން އެ އޮތޯރިޓީން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މަސައްކަތް ކުރަމުންދާއިރު ބައެއް އުފެއްދުންތައް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އެދޭކަމަށެވެ.
އެ އުފެއްދުންތަކުގެ ތެރޭގައި:
ވޭސްޓެޖަން ސްޕްރެޑާ ލެމަންގްރާސް - 25 ގްރާމް (ބާކޯޑް ނަންބަރު : 8712200951168)
ވޭސްޓެޖަން މިކްސް ބާމި/ނާސި - 30 ގްރާމް (ބާކޯޑް ނަންބަރު :8712200982148)
ވޭސްޓެޖަން މިކްސް ސަޓާއީ - 30 ގްރާމް (ބާކޯޑް ނަންބަރު : 8712200982261)
އެމްއެފްޑީއޭ އިން ދޭތެރެ ދޭތެރެއިން މިފަދަ އުފެއްދުންތަކުގެ މައުލޫމާތު އާއްމު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!