ށ. އަތޮޅުގައި ތިބި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ތިބީ ޕާޓީގެ އަސްލު އަމާޒަށް ވާސިލްވުމުގެ އަޒުމުގައި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭން ތަރުޖަމާނު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

މިވަގުތު ށ. އަތޮޅުގައި އިންތިގެ ކެމްޕޭންގައި އުޅުއްވަމުން ވައްޑޭ ވިދާޅުވީ، އިންތިއާއި ކެމްޕޭން ޓީމް ށ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ އަތޮޅަށް ކުރާ ދަތުރު މިރޭގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

Ad
rt

ވައްޑޭ ވިދާޅުވީ، ކެންޑިޑޭޓް ކުރިން ޒިޔާރަތްކުރި އެހެން އަތޮޅު ތަކެކޭ އެއްގޮތަށް ށ. އަތޮޅުގައި ވެސް އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް އެމްޑީޕީ މެންބަރުން ދިރިއުޅުއްވާ ގޭގެއަށް ކެންޑިޑޭޓާއި ކެމްޕޭން ޓީމް ދޮރުން ދޮރަށް ހިންގަވައި، މެންބަރުންގެ ވާހަކަތައް އަޑުއައްސަވާފައިވާކަމަށެވެ.

"މި ހިނގުމުން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ސާފުވީ އެމްޑީޕީގެ މެންބަރުން އެ މެންބަރުން ނިސްބަތްވާ ޕާޓީގެ އަސްލު އަމާޒަށް ވާސިލްވާން ބޭނުންވެފައި ތިބި މިންވަރު، އެމްޑީޕީ ގަބޫލުކުރާ ހަމަތަކެއް އުސޫލުތަކެއް ހުރޭ، އެއީ މި ޕާޓީން ހިފަހައްޓަމުން ދަމަހައްޓަން ވަކާލާތު ކުރަމުން އައިކަންކަން، އެކަމަކު މިހާރު ޕާޓީގެ މެންބަރުން ޤަބޫލު ކުރަނީ އެކަންކަމާއި ބީރަށްޓެހި ބައެއް ކަންކަން މަދު މެންބަރުންތަކެއް ޕާޓީތެރޭ ހިންގަމުން އަންނަކަން، އެހެންވެ ޕާޓީގެ އަސްލަށް ވާސިލް ވެވޭނީ އިންތި ހޮވައިގެންކަން އެ މެންބަރުން ގަބޫލު ކުރަނީ" ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ އެމްޑީޕީން ވަކާލާތު ކުރާ އެއް ކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އިޤްތިޞާދީ މިނިވަންކަމުގެ ވާހަކަ ކަމަށެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ވަކި މީހަކު ނުހޮވިއްޖެނަމަ ތަރައްގީގެ މަޝްރޫޢުތައް ހުއްޓޭނެކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ދައްކަވާ ވާހަކައަކީ މެންބަރުން ޤަބޫލުކުރާ ވާހަކައެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ވަޒީފާގެ ބިރުވެރިކަން އުފެދުމަކީ ވެސް އެމްޑީޕީއާއި ބީރަށްޓެހި އެހެންނަމަވެސް މިހާރު ތަޖުރިބާ ކުރަންޖެހިފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ށ. އަތޮޅުން ވެސް އިންތި އަށް ބޮޑު ތާއީދެއް ލިބިގެން ދާނެއެވެ.

އިންތިގެ އިތުރުން ދެން އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. ފައްޔާޒު ވެސް ވަނީ ކެމްޕެއިންގައި މިހާތަނަށް ރާއްޖޭގެ 115 އަށް ވުރެ ގިނަ ރަށަށް ޒިޔާރަތް ކުރަށްވާފައި ކަމަށް މައުލޫމާތު ލިބިއެވެ.

މި އިންތިޚާބު އޮންނާނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. މި އިންތިޚާބުގެ ކެމްޕޭން ފޯރި ވަނީ ވަރަށް ގަދަވެފައެވެ.