ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ސިއްޙީ ޚިދުމަތްދޭ ތަންނުގެ ހުއްދަ ހެލްތު މިނިސްޓްރީން ބާޠިލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު އިސްލާހުކޮށް 2021ވަނަ އަހަރު މާރޗްމަހު ޢަމަލުކުރަން ފެށުމާއިއެކު، ޚިދުމަތްދޭ ތަންތަން ޤާނޫނުގެ ދަށުން ރީރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް އަންގާފައިވާކަމަށާއި އަދި ދެފަހަރެއްގެ މަތިން އެންގުމުންވެސް ރީ-ރަޖިސްޓްރީވެ ލައިސަންސް ހޯދުމަށް ހުށަނާޅާ ސިއްޙީ ފަރުވާދޭ ތަންތަން ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
މި ޤާނޫނާއި ޤަވާއިދުގެ ދަށުން ރަޖިސްޓްރީ ނުކޮށްހިންގުމަކީ މަނާކަމެއްކަމުގައިވާތީ، ރަޖިސްޓްރޭޝަނަށް ހުށަނާޅާ ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހުއްދަ އިއްޔެއިން ފެށިގެން ބާތިލުކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ސިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމާއި ގުޅޭ ޤާނޫނު ބުނާގޮތުން ރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްޙީ ޚިދުމަތެއް ދެވޭނީ، އެތަނެއް މިޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ފަހުގައެވެ. މިގޮތަށް ލައިސަންސް އާނުކޮށް ނުވަތަ ބާތިލްވެފައިވަނިކޮށް ސިއްޙީ ޚިދުމަތެއް ދިނުމަކީ ކުށެއްކަމަށާއި އެކަމުގައި ހަރުކަށި ފިޔަވަޅު އަޅާނެކަން ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.
މިފަދަ ކުށަކަށް އަރައިގެންފިނަމަ ސިއްޙީ ޚިދުމަތްދޭ ތަނުގެ ރަޖިސްޓްރީ ބާތިލު ކުރުމާއި، 50000 ރުފިޔާއާއި 1000000(އެއްމިލިއަން) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި 3މަހާއި 5އަހަރާއި ދެމެދުގެ ޖަލު ހުކުންވެސް، ކުށުގެ އަދަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރަނީ 5އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ލައިސަންސް މުއްދަތު ހަމަވުމުން 6 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށައަޅައި، އަލުން ލައިސަންސް އާކުރަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!