ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އަޒަދް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި، ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ބަންގްލަދޭޝްގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ދާދިފަހުން ދެ ޤައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުގައި ބަދަލުކުރެވުނު އެއްބަސްވުންތައް ތަންފީޒުކޮށް ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކޯވިޑް-19ގެ ވެކްސިންދިނުމުގެ ކަންކަމާއި މީހުން ބިނާކުރުމާއި ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި އަދި ތަޢުލީމީ ދާއިރާއާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެއްބާލުންފަދަ ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އޮތްކަން ފާހަގަކުރައްވައި ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގައި ޙިއްޞާވާ ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް، ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް ތަފާތުކުރުކުރުމެއް ނެތި ވެކްސިން ލިބޭނެ މަގުފަހިކޮށްދެއްވައި، ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެސްޓްރާޒެނެކާ ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ސަފީރު ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެ ކުރިން ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރެއްގެގޮތުގައި ހުންނެވީ ރިއާ އެޑްމިރަލް ނަޒްމުލް ހަސަންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!