ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލުމާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީ މިދިޔަ މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމުން އެކަމާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން މައްސަލަ ހުށަހަޅާފައިވާތީ އެވެ. ދައުލަތުން މައްސަލަ ހުށަހެޅީ މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުންނެވެ.

Ad
rt

ދައުލަތުން ބުނެފައިވާ ގޮތުގައި އެފަދަ މައްސަލަތައް އިސްތިއުނާފް ކުރަންޖެހޭ 48 ގަޑިއިރުގެ މުއްދަތު ގުނަން ޖެހޭނީ އެކަމެއް ފެށޭ ދުވަސް ނުހިމަނަ އެވެ.

އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ އެ އުސޫލު ހިނގާނީ ދުވަސް ގުނުމުގައި ކަމަށާއި ގަޑިއިރާއި މިނެޓް ގުނުމުގައި އެ އުސޫލު ނުހިނގާނެ ކަމަށް ހުކުމުގައިވެ އެވެ.

ބަންދު މުއްދަތު ޖެހުމުގެ 24 ގަޑިއިރު ގުނުމުގައި ވެސް ކޯޓުތަކުން އަމަލުކުރަނީ އެ އުސޫލުން ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެ މައްސަލާގައި އިސްތިއުނާފް މުއްދަތު ހަމަވެފައިވާތީ، އައްމަޓީ ދޫކޮށްލި މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

މީގެކުރިން ދެ ފަހަރަކު ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލި އެވެ. އޭރު އައްމަޓީ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަކަށެވެ.