ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު ވިސާމް އަލީ އިސްތިއުފާ ދެއްވައިފި އެވެ.

ވިސާމް އިސްތިއުފާ ދެއްވިކަން ފޮރިން މިނިސްޓްރީއިން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

Ad
rt

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަފީރު ކަމުގައި ހުންނަވައިގެން ރާއްޖެއަށް އެކަމަނާ ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ވިސާމް އަލީ އައްޔަނުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.

ވިސާމް އަލީ އަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ތަސްމީން އަލީގެ އަނބިކަަނބަލުންނެވެ. ހުދު ވިސާމް ވެސް ވަނީ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވައިފަ އެވެ.

އެ ދެ ބޭފުޅުން ވެސް އެންމެ ފަހުން މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ ކުރިން ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގެވި ޑީއާރުޕީގެ ޓިކެޓްގަ އެވެ. ނަމަވެސް ފަހުން ދެ ބޭފުޅުން ވެސް ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެއް މެލޭޝިއާގައި ދިރިއުޅުއްވާފައިވާ ވިސާމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ކުރީން ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.