ޒަމާނުއްސުރެ ދިވެހި ދައުލަތް ސިފަވެފައި އޮންނަނީ ބޮޑު ވިޔަފާރި ކުންފުންޏެ ގޮތަށް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ސައުދު ވިދާޅުވީ، ދިވެހިރާއްޖޭގައި ކުންފުނިތަކާ ބެހޭ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން ހިންގާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި ކުންފުނިތައް ރެގިއުލޭޓު ކުރެވެމުންދާ ކަމަށެވެ.

މިހާރު ހުށަހެޅިފައިވާ ބިލަކީ، އަލުން ޚާއްޞަ ގާނޫނަކުން އެއް ފުރާޅެއްގެ ދަށުން ހުރިހާ ޚިދުމަތެއް ދެވޭނެ ނިޒާމަކަށް ކުންފުނިތައް އަލުން ރީރެގިއުލޭޓްކުރުމަށް ޓަކައި ހުށަހެޅިފައިވާ ބިލެތްކަމަށް ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ދިވެހިރާއްޖެއަކީ، އާންމު ވިޔަފާރިއަށް ފަހި މާޙައުލެއް ގާއިމުކުރެވިފައި އޮތް ޤައުމެއް ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރ އޭގެ ޒާތުގައި ފުޅާވަމުންދާ ތަން ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ.

"ނަމަވެސް، ދިވެހި ދައުލަތް، ޒަމާނުއްސުރެ ދިވެހި ދައުލަތް ރަމްޒުވެފައި މި އޮންނަނީ ބޮޑު ވިޔަފާރި ކުންފުންޏެއްގެ ސިފައިގައި، ބޮޑުވަމުންބޮޑުވަމުން ދުވަހަކަށް ވުރެ ދުވަހެއް، ދައުރަކަށް ވުރެ ދައުރެއް މި ބޮޑު ވިޔަފާރި ކުންފުނި ބޮޑުވަމުން މި އަންނަނީ. ކުޑަކުޑަ އާބާދީއެއް، ކުޑަ ޤައުމެއް. އެހެންނަމަވެސް، ބޮޑު ވިޔަފާރި، ބޮޑު ދައުލަތެއް، ރާއްޖެ ސިފަވަމުން މި ދަނީ." ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ 5 އަހަރަކުން، ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާ އޮންނަ އެތައް ބައިވަރު ޕަބްލިކް ކުންފުނިތަކެއް އުފައްދަމުން އަންނަކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލައި، އިންތިޚާބުކުރެވޭ ސަރުކާރު ވެގެން ދަނީ "މި ބޮޑު ވިޔަފާރި ކުންފުނީގެ ބޯޑަށް، ނޫނިއްޔާ ޗެއަރމަނަށް" ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ކުރުމުގެ ފުރުޞަތާއި، މާހައުލު ފުޅާކުރެވެން އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދައުރު ކުޑަކޮށް، އާންމު ވިޔަފާރިތަކަށް ޖާގަދީގެން، ކަމަށް ސައުދު ވިދާޅުވިއެވެ.

"ފާހަގަކޮށްލަން ބޭނުން ވަނީ، ވިޔަފާރި، ކެޕޭސިޓީ، ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރ ވަރުގަދަކޮށްގެން ނޫނީ ދިވެހިރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް ދެން އަޅުގަނޑުމެންނަށް
ޖާގަނުދެވޭނެ ކަމަށް، އެހެންވީމާ، އިޤުތިޞާދު ފުޅާކުރުމަށް ޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، މިހާރު ޕްރައިވެޓް ސެކްޓަރ ވަރުގަދަކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރުން." ސައުދު ވިދާޅުވިއެވެ.

މި ބިލު ގާނޫނަކަށް ވެގެން ދިޔުމުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް އަންނާނީ ކޮން ހެޔޮ ބަދަލުތަކެއްތޯ ދެނެގަނެ ދިރާސާކުރަންޖެހޭކަމަށް ސައުދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވިޔަފާރި ފުޅާކުރުމަށް ޓަކައި، ހުރި ގޮންޖެހުންތައް ނައްތާލުމަށް ޓަކައި ކުރަންޖެހޭ ކަންކަން ވަރަށް ގިނަކަމަށާއި، މި ބިލު ދިރާސާކުރެވިގެން ގާނޫނަކަށް ބަދަލުވެގެންދާއިރު، މި ކަންކަމަށް ވަރަށް ބޮޑަށް ކޮމިޓީ މަރުޙަލާގައި މެންބަރުން ރިއާޔަތްކުރަށްވާނެކަމަށް ޤަބޫލުކުރަށްވާކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕްރައިވެޓް ސެކްޓަރާއި އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ވެސް ބިދޭސީން ލޭބަރ ފޯސެއް އޮޕަރޭޓްކުރެވެމުން އެބަދޭ. އެހެންވީމާ، ބިދޭސީ ލޭބަރ ފޯސެއް؟ މިވަރުގެ ބިދޭސީ ލޭބަރ ފޯސެއް ރާއްޖޭގައި އޮޕަރޭޓްކުރެވޭ ހިނދަކު، ރާއްޖޭގައި ދިވެހި ހެލްތީ ލޭބަރ ފޯނެއް އުފަންވެގެން ނާންނާނެ." ސައުދު ވިދާޅުވެފަވެއެވެ.

ސައުދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ކުރެވެން ހުރި މަސައްކަތްތަކަށް ވިޔަފާރި ކުންފުނިތަކުގެ ޖާގަ އިތުރުކުރެވޭނެ ނިޒާމުތަކަކާއި، އުސޫލުތަކެއް ގާއިމުކުރަން ޖެހިފައިވާ ކަމަށެވެ.

"ތެދެއްމެ! ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކި މަރުޙަލާގައި، އެކި ވަރުވަރަށް މަސައްކަތްތަކެއް އެބަ ކުރެވޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް، ރައްޔިތުންނަކަށް ނުއެއް ފެނޭ އެކަމެއް އެކަށީގެންވާ މިންވަރަށް ހައްލުކުރެވިގެންދާ ތަނެއް. ހަމަ ބިދޭސީންގެ ކަންމަތީ ޖަގަހަތަކާއި، ބިދޭސީން ނުކުރާ ވިޔަފާރިއެއް ނެތް. ބިދޭސީން ނުވަންނަ ކަމެއް ނެތް. އެހެންވީމާ، ހުރިހާ ކަމެއްގެ ތެރޭގައި ވެސް ބިދޭސީންގެ ކަންކަން މި އޮތީ." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، އެކަމުގެ ސަބަބުން ދިވެހި އުފެއްދުންތެރި ޒުވާން ޖީލެއް މި ދަނީ ހަލާކުވަމުން ކަމަށާއި، ދިވެހި ޒުވާނުންނަށް ކުރެވެން ހުރި އެތައް މަސައްކަތްތަކެއް ބިދޭސީން ކުރުމުގެ ނަތީޖާއަކަށް ވެގެން ދަނީ، ދިވެހިންގެ "ހެލްތީ ލޭބަރ ފޯސް" ނެތެމުން ދިޔުންކަމަށެވެ. އަދި މި ބިލުގެ ތެރެއިން އެފަދަ ހެލްތީ ލޭބަރ ފޯސެއް އުފަންވުމަށް ޖާގަދެވޭނެ ނިޒާމަކަށް ގެންދެވޭތޯ މަސައްކަތްކުރަންޖެހޭކަމަށް ސައުދު ވިދާޅުވިއެވެ.