ރަމަޟާން މަހުގައި ފާފަތައް ކުރުން ހުއްޓާނުލައި ފާފަކުރުން މަތީ ދެމި ހުންނަ މީހާއަކީ މިމަހުގައި ބަނގުރޫޓުވެފައިވާ މީހެކެވެ.

އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްވެސް ޙަދީޘް ކުރައްވާފައި ވެއެވެ. ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابه))[16]

Ad
rt

މާނަ: "ހަޑި ހުތުރު ބަސްބުނުމާ ނުބައި ޢަމަލުތައް ކުރުމުންނާއި ޖާހިލުކަމުން އެއްކިބާ ނުވާމީހަކު، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ތަޢާލާ ބޭނުންވެވޮޑިގެން ނުވެއެވެ."

(މިއީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެކެވެ.)

އަދި ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ފަހެ ތިބާ ރޯދަ ހިފާހިނދު ތިބާގެ އަޑުއެހުމާއި ތިބާގެ ބެލުމާއި ތިބާގެ ދުލުން ދޮގުހެދުމާ އަދި ޙަރާމްކަންތަކުން ދުރުވެހުރެ ރޯދަހިފާށެވެ. އަދި ތިބާގެ ފުށުން ތިބާގެ އަވަށްޓެރިއާއަށް އުނދަގޫކުރުން ދޫކޮށްލާށެވެ. އަދި މަޑުމައިތިރިކަމާއި މަޑުމޮޅިކަމާއެކު ތިބާ ވާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހަކީ، ރޯދައަށް ނުހުންނަ ދުވަސްތައްފަދަ ދުވަހެއްކަމުގައި ނަހަދާށެވެ."

އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

” أَتَدْرُونَ مَن الْمُفْلِسُ. قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ. فَقَالَ: إِنَّ الْمُفْلِسَ مِنْ أُمَّتِى يَأْتِى يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِى قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِى النَّار.

މާނަ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަބައި މީހުންނަށް އެނގިލައްވާހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. "ތިމަންމެންގެ ތެރެއިން ބަނގުރޫޓުވެފައިވާ މީހަކީ، އެމީހެއްގެ އަތުގައި ދިރުހަމެއް އަދި މުދަލެއް ނެތްމީހާއެވެ." ދެން ރަސޫލުﷲ ޞައްލަﷲ ޢަލައަހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ބަނގުރޫޓުވެފައިވާ މީހަކީ، ޤިޔަމާތްދުވަހު (ﷲގެ ޙަޟްރަތަށް) އަންނައިރު ނަމާދާއި، ރޯދައާއި، ޒަކާތާއި، (މިފަދަ ހެޔޮޢަމަލުތަކާއިގެން އަންނަހިނދު ދުނިޔެމަތީގައި) މިވެނި މީހާއަށް މަލާމަތްކޮށްފައި، އެވެނި މީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައި، މިވެނި މީހާގެ މުދާ ކައިފައި، އެވެނި މީހާގެ ލޭ އޮހޮރުވާފައި، މިވެނި މީހާގެ ގައިގައި ޖަހާފައި، އަންނަ މީހާއެވެ. ދެންފަހެ އޭނާގެ ހެޔޮ ޢަމަލުތައް މިވެނި އެވެނި މީހަކަށް ދީފައި، އޭނާގެ ހެޔޮ ޢަމަލުތައް ހުސްވާއިރުވެސް އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހުންގެ ޙައްޤު އަދާ ނުވާތީ، އެންމެ ފަހުން އެމީހާގެ ނުބައިކަންތައްތައް ބޮލުއަޅަންޖެހޭ މީހާއެވެ. ދެންފަހެ އޭނާ ނަރަކައިގެ ތެރެއަށް އެއްލާލެވޭނެތެވެ."

ރަމަޟާން މަހުގައި މިފަދަ ދަށު ދަރަޖައަކަށް މީހާ ވެއްޓިގެންދާ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި:

  1. މީސްތަކުންނާ ޒުވާބުކުރުން.
  2. ހަޑި ހުތުރު ބަހުން ވާހަކަދެއްކުން.
  3. އަޅުކަންކުރުމުގެ ބަދަލުގައި ގިނަވަގުތު ނިދާފައި އޮތުން.
  4. އަދި ދުވާލުގެ ވަގުތު ތަކުގައި ރޯދަ ކުރުނުކުރެވިގެން ބޭކާރު ކަންކަމުގައި ވަގުތު ދުއްވާލުން.
  5. ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުތައް ޓީވީ ޕްރޮގްރާމްތަކުގަޔާއި ރައްޓެހިންނާ އެކީ މަޖާ ކުރުމުގައި ނަގާލުން.

އަދި މިނޫންވެސް އެތައް ކަމެއް ވެއެވެ. ދުޢާ އަކީ މިރަމަޟާން މަހުގައި، އަޅުކަމާއިގެން މަޝްޣޫލުވާ ބައެއްކަމުގައި އަޅުގަނޑުމެން ވެގެން ދިއުމެވެ.