މާކަނާކަލޯއާއި ފިދަންކަލޯއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އެއް ދުވަހަކު މާކަނާކަލޯ ހިތަށް އެރިއެވެ. ފިދަންކަލޯއަކީ ވަރަށް ކުޑަކުޑަ ދޫންޏެކެވެ. އެ ސޮރުގެ ސިކުނޑި ވެސް ކުޑަވާނެއެވެ. އަހަރެން ކަހަލަ ބޮޑު ދޫންޏެއްހާ ބުއްދިގަދައެއް ނުވާނެއެވެ. ވާނީ ލަނޑެއްދޭށެވެ.

އެހެން ހިތާ މާކަނާކަލޯ އުދުހިފައި ގޮސް ފިދަންކަލޯ ކައިރިއަށް ތިރިކޮށްލާފައި އެބަ ބުނެއެވެ. ފިދަންކަލޯއެވެ. ކަލޭގެ މޮޔަކަން ނިކަން ދެކޭށެވެ. އަތިރިމަތިން އުކުނޑިބުކުނޑި ހޮވާކައިގެން ބަނޑުފުރާނަމުއްތި ތިޔަ ކުރެވެނީ މުޅި ދުވަސް ތިޔަކަމަށް ހުސްކޮށްލައިގެންނެވެ. އަހަރެން ކިހާ ބުއްދިގަދަ ހެއްޔެވެ. މޫދުން މަހެއް ހިފައިގެން ކާލީމާ އެއް ފަހަރުން ބަނޑުބޮޑުވެއެވެ.

Ad
rt

އުޖޫރައެއްގެ ގޮތުގައި ކުޑަކުޑަ ކަމެއް ކޮށްލަދޭގޮތަށް މަހެއް ދީފާނަމެވެ. ފިދަންކަލޯ ބުންޏެވެ. ރަހުމަތްތެރިޔާއެވެ. އެއީ އަނެއްކާ ކޮންކަމެއް ހެއްޔެވެ. މާކަނާކަލޯ ބުންޏެވެ. މި އޮތް މޫދުގެ ލޮނުގަނޑު ބޮއި ހުސްކޮށްލަދޭށެވެ. ފިދަންކަލޯ ހިތަށް އެރިއެވެ. މާކަނާކަލޯ ހިތުން އެބުނީ ގައިމުވެސް ނުކުރެވޭނެ ކަމެކެވެ. މޫދުގެ ލޮނުގަނޑުގާއި ދިޔަވަރަށް ބަލާފަައި ފިދަންކަލޯ ހިތާހިތުން ކިޔާލިއެވެ. މިފަހަރު ދޫލަނޑެއް ނުދޭނަމޭ ހިތާ އެބަބުނެއެވެ. މާކަނާކަލޯއެވެ. ހޭވައްލާ ތައްޔާރެވެ.

އެހެން ބުނެފައި ގޮސް މޫދުގެ ލޮނުގަނޑަށް ތުން ބާނައިގެން އެބައިދެއެވެ. ދިޔަވަރު ހިކެމުން ދާވަރަކަށް ރާޅު ފެންފަށާއެކު ބޭރަށް ޖެހެމުން ދެއެވެ. އިރުގަނޑެއް ކޮށްފައި މާކަނާކަލޯ ފިދަންކަލޯ ކައިރިއަށް ޖެހިލާފާ މަލާމާތުގެ ރާގެއްގައި އެބަ ބުނެއެވެ. ކޮބާ އެބަ ބޮވޭހެއްޔެވެ؟

ފިދަންކަލޯ އިސް އުފުލާލާފައި ބުނެއެވެ. ތިޔަގޮތަށް އުނދަގޫކުރަންޏާ މިކަންކުރާނީ ކިހިނެއްހެއްޔެވެ. ކުރިން ލޮނުގަނޑުހުރީ އޭރު އަހަރެމެން އެ ތިބި ހަމައިގައެވެ. މިހާރު ފަޅުމަތިން ގާތަށް ހިކި އާނުގަނޑުތައް ވެސް އެއޮތީ ފެންނާށެވެ.

ވަށައިގެން ބަލާލާފައި މާކަނާކަލޯ ހައިރާންވެ އަންތަރީސްވިއެވެ. އެއީ ތެދެކޭ މާކަނާކަލޯ ހިތަށް އެރިއެވެ. އެވަގުތު ފިދަންކަލޯ ބުންޏެވެ. ދެން މާކަނާކަލޯ ބުނެގެން މެދުކަނޑާލަން ޖެހިއްޖެއްޔާ އަހަރެން ބުނާކަމެއް ވެސް މާކަނާކަލޯ ވާނީ ކޮށްދޭށެވެ. އެގޮތަށް އެއްބަސްވުމުން ފިދަންކަލޯ އަނެއްކާ ވެސް މޫދު ލޮނުގަނޑުގައި ތުންގަނޑު ޖައްސާލައިގެން އެބަ އިދެއެވެ. އޭރު ދިޔަވަރު ހިކެމުންދާތީ މޫދުގެ ލޮނުގަނޑު ވަރަށް ބާރަށް އައީ ހިނދެމުންނެވެ.

މާކަނާކަލޯ ހިތަށް އެރިއެވެ. މިތާގޮތަށް ދަންޏާ ހަވީރުވާންވާއިރަށް ފިދަންކަލޯ ލޮނުގަނޑު ބޮއި ހުސްކުރާނެއެވެ. ފިދަންކަލޯއަށް މަހެއް ނުދީ ވާނެގޮތެއް ވޭތޯ ވާނީ ބަލާށެވެ. އެހެން ހިތާ ފިދަންކަލޯ ކައިރިއަށް ޖެހިލާފައި އެބަ ބުނެއެވެ. މިހާރުދެން މާގިނައިރު ވަނީއެވެ. ތިކަން ނިމޭނީ ކޮން އިރަކުން ހެއްޔެވެ؟ ފިދަންކަލޯ އަނގައިން ނުބުނެ އެ އިންގޮތަށް އިނެވެ. ކައިރީގައި އިނދެގެން މާކަނާކަލޯ ތަފާތު ވާހަކަތައް ދައްކައެވެ. ދިޔަވަރު ހިކޭނެ ވަރަކަށް ހިކި ބޮޑުވަން ފެށީމާ ފިދަންކަލޯ ބޯ ހިއްލާލާފައި ބުންޏެވެ.

ރަހިމަތްތެރި މާކަނާކަލޯއެވެ. ކުރިއާ އަޅާބަލާއިރު މިހާރު މޫދުގެ ލޮނުގަނޑު މިއޮތީ އަހަރެން ބޮއިބޮއި ދާދިކުޑަ ވެފައެވެ. މިހާރު ނުބޮވި މިއޮތް މަދު ލޮނުފޮދު ދެން މާކަނާކަލޯ ބޯލާށެވެ. އޭރުން މަހެއް ނުދިނަސް މައްސަލައެއް ނެތެވެ.

މާކަނާކަލޯ ހިތަށް އެރިއެވެ. މި ކުޑަކުޑަ ފިދަންކަލޯ މިއޮތް ބޮޑު މޫދުގެ ލޮނުގަނޑު މިވަރަށް ބޮއި ކުޑަކުރިއިރު އަހަރެން މި ބޮޑު މާކަނާއަށް މާ ގިނައިން ބޮވޭނެއެވެ. އެހެން ހިތާ ފާޑަކަށް މަލާމާތުގެ ހިނިގަނޑެއް ޖަހާލާފައި މޫދަށް އެރި ލޮނުގަނޑު ބޯން ފެށިއެވެ.

ލޮނުގަނޑު ބުޔަކަސް އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނުވެއެވެ. ހައްތަހާވެސް ދަނީ ލޮނުގަނޑު ބޮޑުވަމުންނެވެ. މާކަނާކަލޯއަކަށް މި ވާގޮތެއް ނޭނގެއެވެ. ލޮނުބޮއިބޮއި ބަޑުފުރިގެން އެންމެފަހުން ބަނޑު ފަޅައިގެން ގޮސް މާކަނާކަލޯ މަރުވެއްޖެއެވެ. (ނިމުނީ)