އެއް ސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނުގެ ބޭސްފަރުވާގެ ކަންތަކުގައި ވަރަށް ތަޖުރިބާކާރު ދުވަސްވީ ހަކީމަކު (ބޭސްވެރިއަކު) ގެންގުޅުއްވިއެވެ. އެއް ދުވަހަކު ރަސްގެފާނު އެބަ ވިދާޅުވެއެވެ. ހަކީމާއެވެ. ދުވަސްވުމުގެ ސަބަބުން މިހާރު ހަކީމު ވެސް ދޭތެރެ ދޭތެރެއިން ބަލިވެ އެބަ އުޅެމުތާއެވެ. އެހެން އުޅޭ ދުވަސްވަރެއްގައި އަހުރެން ބައްޔެއް ވެއްޖެނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ހަކީމު ބޭސްވެރިކަން ދަސްކޮށްދީ ކައިރީގައި ތިޔަ ގެންގުޅޭ ދަރިފުޅު ގަނޑުވަރަށް ގެނެސް ތިޔަ ވަޒީފާގައި ގެންގުޅެންވީ ނޫންހެއްޔެވެ.

ހަކީމު ދެންނެވިއެވެ. މާތް ރަސްގެފާނެވެ. އެ ދަރިފުޅުހުރީ ރަސްގެފާނުގެ ދީލަތި އެހީފުޅާއެކު ދުނިޔޭގެ އެތަންމިތަނުން ކިޔަވައި މަތީ ސަނަދުތައް ހާސިލުކޮށްގެންނެވެ. އެކަމަކު ދަސްވެފައި ހުރީ ދެލިގަނޑެވެ. އޮތީ ސަނަދުތަކާއި ފާސްތަކެވެ. ހަގީގީ ޢިލްމަކާއި ހިލުމެއް ނެތެވެ. ރަސްގެފާނު ހިނިފުޅު ވަޑުވަމުން ވިދާޅުވިއެވެ. ގަނޑުވަރަށް ގެނެސް ގެންގުޅެން ފެށީމާ ތިޔަކަންކަން ރަނގަޅުވެދާނެއެވެ.

Ad
rt

އޭގެ މާގިނަ ދުވަހެއް ނުވަނީސް އެއް ދުވަހަކު ރަސްގެފާނުގެ އިސްތަށިފުޅުގައި ރިހޭތީ އުޅުއްވަން ފައްޓަވައިފިއެވެ. އެއީ ދޭތެރެ ދޭތެރެއިން ރިހޭތީ އުޅުއްވާ އިސްތަށިފުޅެކެވެ. އެ ދުވަހު ހަކީމު ކަލޭގެ ވެސް އޮތީ ކުޑަކޮށް ހުމާއެވެ. ރަސްގެފާނު އާލާސްކަންފުޅު ބޮޑުވެގެން ހަކީމުކަލޭގެ ބަލައި ގަނޑުވަރުން ހާދިމުން ފޮނުއްވިއެވެ. އެ އައި ބޭކަލުންނާއެކު ހަކީމު ކަލޭގެ ދިޔައީ އޭނާގެ ޒުވާން ދަރިފުޅު ގޮވައިގެންނެވެ.

ރަސްގެފާނު އޮންނެވި ކޮޓަރިކޮޅަށް ހަކީމުކަލޭގެއާއި ދަރިފުޅާ ދެ މީހުން ވަދެ، ރަސްގެފާނުގެ އަރިހަށް ހުއްޓިފައި އަތްޕުޅުގައި ހިފާލައި ދެ ލޯފުޅަށް ބަލާލައި ހަކީމުކަލޭގެ ދެންނެވިއެވެ. މިއަދު ނާރިނގު ފަރިއްކުޅުވީ ދެއްތޯއެވެ؟ ރަދުން ބޯ ޖައްސަވާލިއެވެ. ހަކީމުގެ ދަރިފުޅާއި ރަސްގެފާނުގެ އަރިހުގައި ތިބި ބޮޑުން ވެސް ހަކީމުގެ މޮޅުކަމުން ހައިރާންވެ އަންތަރީސްވިއެވެ. ދެން ހަކީމު ވާރޭފެން ތަށްޓެއް ގެނުވައި ބޭހެއް ހަދައިފައި ދެއްވުމުން ރަސްގެފާނަށް މަޑުމަޑުން ލުއިފުޅު ވަމުންގޮސް ރަނގަޅުވެއްޖެއެވެ. ރަސްގެފާނު ރަނގަޅުވުމުން އިޒުނަ ހޯދައިގެން ހަކީމާއި ދަރިފުޅާ ދެބަފައިން ގަނޑުވަރުން ގެއަށް އަތުވެއްޖެއެވެ.

ގެއަށް އައިސް ހަކީމުގެ ދަރިފުޅު އެބަ ސުވާލުު ކުރެއެވެ. ބައްޕާއެވެ. ރަސްގެފާނު ނާރިނގު ފަރިއްކުޅުވައިގެން އޮންނެވިކަން ބައްޕައަށް އެނގިލެއްވީ ކިހިނެއް ހެއްޔެވެ. އެކަން ބައްޕައަށް އެނގިލެއްވުމުން ފަރުވާކުރަން ފަސޭހަވެފައި އެހެން މީހުންގެ ކުރިމަތީގައި ބޭސްވެރިކަމަށް ބައްޕަ ކުރިއަރާފައިވާ މިންވަރު އެނގިގެން ދިޔައެވެ.
ކުޑަކޮށް ހީލާފައި ހަކީމު ބުނުއްވިއެވެ. ދަރިފުޅާއެވެ. ބައްޕަ އެހެން ދެންނެވީ ރަސްގެފާނު އޮންނެވި ކޮޓަރުކޮޅު ތެރެއިން ނާރިނގު ތޮށިކޮޅެއް ފޮނިގެންނެވެ. މި ބާވަތުގެ ކަންކަން ކުރެވޭނީ ޙިކުމަތްތެރިކަމެއް ހުރެގެންނެވެ. ރަސްގެފާނު އިސްތަށިފުޅަކީ އާންމުކޮށް ރިހޭ އިސްތަށިފުޅެކެވެ. އެ އާލާސްކަންފުޅުގައި ރަސްގެފާނަށް ބޮޑުވަރުވަނީ ކޮންމެ ވެސް އެއްޗެއް މާގިނައިން ފަރިއްކުޅުއްވީމައެވެ.

ދުވަސްކޮޅެއް ފަހެވެ. އަނެއްކާ ވެސް ރަސްގެފާނުގެ އިސްތަށިފުޅުގައި ރިހޭތީ އުޅުއްވި ދުވަހެކެވެ. އެ ދުވަހު ހަކީމު ވެސް އޮތީ ހިނގާބިނގާވެ އުޅެވޭވަރަށް ވުރެ ބަލި ބޮޑުވެފައެވެ. އެހެންވެ އެހެން ގޮތެއް ނެތިގެން ޒުވާން ދަރިފުޅު ގަނޑުވަރުން އައި ހާދިމުންނާއެކު ފޮނުއްވައިފިއެވެ.

ހަކީމުގެ ދަރިފުޅު ރަސްގެފާނު އަރިހަށް ހުއްޓި އަތްޕުޅަށް ފިތާލައި ލޯފުޅަށް ބަލާލައިފައި ދެންނެވިއެވެ. ރަސްގެފާނު ތިޔަ އޮންނެވީ ހިމާރެއްގެ މަސް ފަރީކުޅުއްވައިގެން ނޫންތޯއެވެ؟ އެހެން ހަމަ ދެންނެވުމާއެކު ރަސްގެފާނު ކޯފާއިސްކުރައްވައި ވިދާޅުވިއެވެ. މިހިރަފެންނަ ގޮތެއް ފޮތެއް ހަޔާތެއް ނެތް، ތަނެއް ދޮރެއް ނުދަންނަ ޖާހިލު ކަލޭގެ ހިފާ ހައްޔަރުކޮށް މިތަނުން ނެރޭށެވެ. އެހެން ވިދާޅުބަސް އިއްވުމާއެކު އެތަނުގައި ތިބި ރަސްގެފާނުގެ ހަށިފާރަވެރިންނާއި ހާދިމުން އެކަލޭގެ ހިފާ ހައްޔަރުކޮށް އެ ތަނުން ނެރެފިއެވެ.

ރަސްގެފާނު ވިދާޅު ބަސް އިއްވިއެވެ. ހަކީމު ކަލޭގެ އޮތް ހާލަކާއެކު ތިމަން ރަސްގެފާނު އަރިހަށް ގެންނާށެވެ.

ހަކީމު ކަލޭގެ އަތުލަފިކޮށްގެން ގެނެސް ރަސްގެފާނުގެ އަރިހަށް ވައްދައިފިއެވެ. ރަސްގެފާނުގެ އެނދުދާންކޮޅު ކައިރީގައި ހުރި ގޮނޑިއެއްގައި ބައިބްދައި ވީގޮތް ރަސްގެފާނު ވިދާޅުވެ ދެއްވިއެވެ. އެކަމާ ވަރަށް ހިތާމަކުރާކަން ދަންނަވައި ހަކީމު ކަލޭގެ ބޭހެއް ދެއްވުމުން ރަސްގެފާނަށް ފަސޭހަފުޅު ވެއްޖެއެވެ. ރަސްގެފާނު ވިދާޅުވިއެވެ. އެއީ ހަކީމުގެ ދަރިއެއް ކަމުގައި ނުވާނަމަ މިއަދު އެ ކަލޭގެ ގަތުލުކުރީމުހެވެ. އޭނާ ތިމަން ރަސްގެފާނުގެ އިސްތަށިފުޅުގައި އެ އެޅުވީ މާފުކުރެވޭވަރުގެ ތުހުމަތެއް ނޫނެވެ.

ހަކީމު ދެންނެވިއެވެ. ކުރީ ދުވަހު ވެސް ރަސްގެފާނުގެ އަރިހުގައި އަޅުގަނޑު ދެންނެވީމެއް ނޫންތޯއެވެ. މި ޒަމާނުގެ ކުދީންގެ ގިނަވާނީ ފާހާއި ސަނަދެވެ. އިލުމެއް ހިލުމެއް ވަރަށް މަދެވެ. ހިކުމަތްތެރިކަމެއް އަމުދުން ނުހުރެއެވެ.

ދަރިފުޅު ގޮވައިގެން ގެއަށް އައިސް ހަކީމުކަލޭގެ ދަރިފުޅާ ސުވާލު ކުރިއެވެ. ދަރިފުޅާއެވެ. ރަަސްގެފާނު ހިމާރެއްގެ މަސް ފަރިއްކުޅުވައިގެން އޮންނެވި ކަމަށް ދެންނެވީ ކީއްވެގެން ހެއްޔެވެ. ދަރިފުޅު ދެންނެވިއެވެ. އަޅުގަނޑު ގަނޑުވަރަށް ވަދެގެން ދިޔައިރު ބޭރުގައި ހިއްކަން އަޅާފައި ހުރި ހިމާރެއްގެ ހަންގަނޑު ފެނުނީއެވެ. އެއްކަލަ ދުވަހު ރަސްގެފާނު ނާރިނގު ފަރިއްކުޅުއްވައިގެން އޮންނެވި ވާހަކަ ބައްޕަ ބުނުއްވީ ރަސްގެފާނުގެ ކޮޓަރިކޮޅުން ނާރިނގު ތޮށިކޮޅެއް ފެނިގެންނޭ ބުނުއްވީމު ނޫންތޯއެވެ؟

ދަރިފުޅު އެހެން ބުނުމާއެކު ހަކީމު ބުނުއްވިއެވެ. ދަރިފުޅާއެވެ. ތިޔަވަރުގެ ވިސްނުމެއް ނެތް މީހަކަށް ހަކީމުކަމެއް ނުކުރެވޭނެއެވެ. ރަސްރަސްކަލުންގެ އަރިހުގައި އުޅެވޭނީ ބޮލެއް ވެސް ހުރެގެންނެވެ. (ނިމުނީ)

ނޯޓު: މިފަދަ ވާހަކަތަކަކީ ވަރަށްގިނަ ބަސްބަހުން ވަރަށް ގިނަ މުޖުތަމަޢުތަކުގައި ކުދިކުދި ތަފާތުތަކާއެކު ކިޔެމުން އަންނަ މަޝްހޫރު ވާހަކަތަކެވެ. މިއީ ވެސް ކާކުގެ، ކޮން ދުވަސްވަރެއްގެ ފިކުރެއްކަން ނޭނގޭ ވާހަކައެވެ. މި ވާހަކަ އަޅުގަނޑު މި ލިޔުނީ އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.