އެއް ދުވަހަކު ރަސްގެފާނު ރަސްކަމުގެ ދަރުބާރުގައި އިންނަވަނިކޮށް ދަރިކަލުން ވަޑައިގެން ދަންނަވައިފިއެވެ. ބައްޕާފުޅާއެވެ. ޒަމާން ބަދަލުވެއްޖެއެވެ. ކުރީގެ ބޯދާ ގޮތްތައް ދޫކޮށް ޒަމާނީ ގޮތްތައް ޚިޔާރުކުރުން ކީއްތޯއެވެ. މިއަދުގެ ޒުވާނުން ބޭނުންވަނީ ހުރިހާ ކަމެއް ވެސް ބަދަލުވާށެވެ.
ރަސްގެފާނު ބަސްފުޅެއް ވިދާޅުނުވެ ހަނު އިންނެވިއެވެ. އެއަށްފަހު ގަޑިޖެހުމުން ޝިކާރައަށް ވަޑައިގަތުމަށް ނުކުމެ ވަޑައިގެންނެވިއެވެ. އާދައިގެ މަތިން ދަރިކަލުން ވެސް އަރިހުގައި ގެންދެވިއެވެ.
ޖަންގަލީގެ ވަކި ހިސާބަކަށް ވަޑައިގެންނެވުނު ތަނާ ކަށީގައި ހަން ތަތްލައިފައި އޮތް ބޮޑު ސިންގާއެއް ރަސްގެފާނަށް ފެނިވަޑައިގަތެވެ. އެވަގުތު ދަރިކަލުންނަށް ގޮވާލައްވައި އަރިހަށް ގެންދަވާފައި ވިދާޅުވިއެވެ.
ދަރިފުޅާއެވެ. ސިންގާއަކީ ޖަންގަލީގެ ރަސްގެފާނެވެ. އެކަމަކު އެއީ އެންމެ ބިޔަ ޖަނަވާރެއް ނޫނެވެ. އެއީ އެންމެ ބާރަށް ދުވާ ޖަނަވާރެއް ވެސް ނޫނެވެ. އަދި އެއީ ޖަންގަލީގައި އުޅޭ އެންމެ ރީތި ޖަނަވާރެއް ވެސް ނޫނެވެ. އެ ސޮރަށް ޖަންގަލީގެ ރަސްކަން ލިބިފައިވަނީ އެސޮރުގެ ގޮތެއް ހުރެގެންނެވެ. ބުއްދިއަކާއި ވިސްނުމެއް ހުރެގެންނެވެ. ހަރުދަނާ އުސޫލުތަކެއް ގެންގުޅެގެންނެވެ. އެހެން ޖަނަވާރުތައް އިހުތިރާމުކުރާ ސިފަތަކެއް ހުރެގެންނެވެ.
ދަރިފުޅާއެވެ. އެސޮރުގެ ގައިގައި ހަންގަނޑު އެވަނީ ތަތްލައިފައެވެ. ކާނެއެއްޗެއް ނުލިބިގެން އެސޮރު އެވަނީ ހިކި އަނަރޫފަވެފައެވެ. އެކަމަކު ސިންގާ އެސޮރުގެ ގޮތެއް ދުލެއް ނުކުރެއެވެ. ފަތްޕިލާވެއްޔެއް ނުކައެވެ. މުޅަ ތަކެއްޗެއް ނުކައެވެ. ޖަންގަލީގެ ތެރެއިން ފެންނަހާ ޖަނަވާރެއް އަތުޖެހުނު ގޮތަކަށް ކައެއް ނުހަދަތެވެ.
ދަރިފުޅާއެވެ. އެސޮރު އެސޮރުގެ ގޮތް ދޫކޮށްލައިފިނަމަ އެސޮރަށް އެއޮތް ރަސްކަމެއް ނޯންނާނެއެވެ. އަހަރެމެން އިންސާނުން ވެސް އަހަރެމެންގެ ގޮތްފޮތް ދޫކޮށްލައިފިނަމަ އަހަރެމެންނަށް މިއޮތް އާރަކާއި ބާރެއް ނޯންނާނެއެވެ. ބަދަލު އަންނާނެއެވެ. ބަދަލު ގެންނަން ވެސް ވާނެއެވެ. އެކަމަކު އެއީ ހުރިހާކަމެއް ހަމަ ހިތަށް އެރުމާއެކު އެފުށް މިފުށަށް ޖެހުމެއްނޫނެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!