މަނަދޫ ބޮޑު ބައްތެލީގައި މަނަދޫން މާލެއަށް ކުރި ދަތުރެކެވެ. މޫސުން ގޯހެވެ. ކަނޑު ގައެވެ. އެހެންވީމާ ކަންނޭނގެއެވެ. ކައްކާނެ ހަމަ އެކަކު ވެސް ނުވިއެވެ.

އެކަކު އަނެކަކަށް ފާކޮށްކޮށް ތިބީއެވެ. މެންދުރުން އަބުރާ ދިޔައިރު ވެސް ކައްކަން އުޅޭނެ މީހަކު ނުވިއެވެ. އޭރު ޢީސަބޭގެ އާދަމްބެ އިނީ ކުނބުކަފި ބުޑުގައި އިށީންދެގެން ކަފީގައި ލައްގަނެލައިގެންނެވެ. ކައްކަން އުޅޭނެ އެއްވެސް މީހަކު ނުވުމުން އާދަމްބެ ބުންޏެވެ.

Ad
rt

"އަހަރެންނަށް ކައްކަން ކެރިދާނެއެވެ. ކެއްކުމަކީ އަހަރެންނަށް ބޮޑު ކަމެއް ނޫނެވެ."

އެހެން ބުނެފައި ކުއްޖަކަށް ގޮވާލާފައި އެބަ ބުނެއެވެ. "ކަލޯއެވެ. އެހެރަ ތެއްޔަށް ހަނޑޫކޮޅެއް އަޅައިގެން ގެންނާށެވެ." އެހެން ކުއްޖަކަށް ގޮވާލާފައި ބުނެއްޕެވެ. "ކަލޯއެވެ. އުނދުންކޮށި ރޯކޮށްބަލާށެވެ. މި މީހުން މާ ބޮޑު ކަމަކަށް ހަދައިގެން އުޅެނީއެވެ." އޭރު ހިޔާގަނޑު ދޮށަށް ވަން މީހާ ތެއްޔަކަށް ހަނޑޫ އަޅައިގެން އަތުވެއްޖެއެވެ. "ކަލޯއެވެ. ތިޔަ ހަނޑޫކޮޅު ރަނގަޅަށް ދޮވެލާށެވެ." އެހެން މީހަކަށް ގޮވާލިއެވެ. "ކަލޯއެވެ. ތިއޮތް ތަނުން ދެ ކާށި ގާނާލައި، ކިރު ފެލާލަން އުޅޭށެވެ. ބަތް މީރުވާނީ ރަނގަޅަށް ކިރު އަޅާލީމައެވެ."

އޭރު އުދުންކޮށި ރޯކޮށްފިއެވެ. އަދި ދޮވެފައިހުރި ހަނޑޫކޮޅަށް ކިރާއި ފެނާ އަޅާ އުނދުން މައްޗަށް އުދައިފިއެވެ. އާދަންބެ ބުންޏެވެ. "ކަލޯއެވެ. ލޮނު ކޮޅެއް އަޅާ ލޮނުހެޔޮވަރު ކޮށްލަންވާނެއެވެ." ކުޑައިރުކޮޅެއްގެ ތެރޭގައި ބަތްތެލި ކެކިގެން ހިނދިއްޖެއެވެ. ބަތްތެލި ހިނދުނީމާ އާދަމްބެ ބުނެއްޕެވެ. "ކުދީންނޭވެއެވެ. މިހިރީ ބަތް ކެއްކިފައެވެ. މީދެން އެހާ ބޮޑު ކަމެއް ހެއްޔެވެ. އެންމެން ކާން އުޅޭށެވެ." އޭރު ވެސް އާދަންބެ އިނީ ކުރިންވެސް އެ އިންގޮތަށް ކުނބުކަފީގައި ލައްގަނެލައިގެން ދެފައި ވައްކޮށްލައިގެން ހަމަ އެ އިން ގޮތަށް، އެ އިންތާނގައެވެ.

ޢީސަބޭގެ އާދަންބެއަކީ އާދަމް ޢީސާއެވެ. ހަމަ ވަރަށް އާދައިގެ ބޭކަލެކެވެ. އާދަންބެއާއި އެއްބަނޑު އެއްބަފާގައި ހުރީ އިބްރާހީމް ޢީސާއެވެ. އެއީ ކުޑައިބުރައެވެ. ކުޑައިބުރަގެ އަޙަންމަދުބެ އަކީ "ކުޑަކާފަ" އެވެ. އެއީ އަޙްމަދު އިބްރާހީމެވެ. ޢީސަބޭގެ އާދަމްބެ ކައިވެނި ކޮށްގެން އުޅުނީ ކަޅުބެ ޙަލީމަ ދައިތައާއެވެ. ދިރިއުޅުނީ ރޭނިގޭގައެވެ.

ޢީސަބޭގެ އާދަމްބެގެ މި ލީޑަރޝިޕާ ވަރަށް އެއްގޮތް ދިވެހި މިސާލު ބަހެއް އޮވެއެވެ. "ކަނދިކަމަނާގެ މަސްތެލުލުމެވެ." އެއީ ތިމާކުރާން އުޅޭ މަސައްކަތުގެ ގިނަ ބައި ތިމާ އިންތާ އިނދެގެން އެހެން މީހުންލައްވާ ކުރުވާފައި އެ ކުރިކަމެއް ރަނގަޅު ވެއްޖެއްޔާ ތިމާކުރި ކަމަކަށް ހަދައި، ނުބައި ވެއްޖިއްޔާ އެހެން މީހުން މަތީ އެޅުވީމާ ބުނެއުޅޭ މިސާލު ބަހެކެވެ.

މި މިސާލު ބަހާ "ޢީސަބޭ އާދަންބެގެ ބަތްކެއްކުމާ" ހުރި ތަފާތަކީ ކުރި މަސައްކަތުގައި ހަމަ އެއްގޮތަކަށް ވެސް ބައިވެރި ނުވުމާއި އެހެން ބަޔަކު ލައްވައި އިންތާ އިނދެގެން ކަމެއްކޮށް ނިންމާލުމެވެ. ކަންނެއްކަމާއި ފިނޑިކަމުން ކުރާނެ ކަމެއް ނޭނގިފައި ތިބި ބަޔަކު ލައްވާ ބޭނުންވާ ކަންތައްތައްކޮށް ލަނޑުދަނޑި ހާސިލުކުރުމެވެ.

ފޮޓޯ ކުރެޑިޓް: ހައްގުވެރި ފަރާތަށް.