ރިސޯޓް ހަދަން ދޫކޮށްފައިވާ 83 ރަށެއްގެ މަސައްކަތްވަނީ "ގަލުގައި އަޅާފައި" ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ މިއަހަރުގެ ފުރަތަމަ ދައުރުގެ 27 ވަނަ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖޭގެ ގިނަ ރިސޯޓްތައް ނުހެދި މިހުރީ ހަދާނެ ލާރި ނެތިގެންކަމަށާއި ރާއްޖޭގައި ދިވެހިންނަށް ރިސޯޓް އޯނާޝިޕް ނުލިބިގެން މިއުޅެނީ ވެސް ފަންޑިން ނުލިބިގެންކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވި އެވެ. ނުހެދި ހުރި ރަށްތަކަށް ސަރުކާރުން ހަމަޖައްސައިދޭ ލުއިތަކާ ކުރެވުނު މަސައްކަތްތަކުގެ ދަށުން މިދިޔަ އަހަރު ހަތް ރިސޯޓް ހުޅުވި ކަމަށާއި މި އަހަރު އިތުރު 14 ރިސޯޓް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ ނުހެދި ހުރި ރަށްތައް ހޯދޭ ތަފާތު ހައްލުތަކަކަށް މަސައްކަތް ކުރެވިއްޖެ ކަަމަށާއި މިހާރު ގެންގުޅޭ އުސޫލަކީ ތިން އަހަރުގެ މުއްދަތެއް ދިނުން ކަމަށާއި އެ މުއްދަތުގައި ނުހުޅުވިއްޖެ ނަމަ އޮޓެމެޓިކުން އެގްރިމެންޓް ބާތިލްވާނެ ކަމަށް ވިދާޅުވި އެވެ.
ނުހެދި ހުރި ރަށްތައް ހެދުމަށް ޓޫރިޒަމްގެ ބައެއް ގަވާއިދުތަކަށް ބަދަލު ގެންނަމުންދާ ކަމަށާއި އެގޮތުން ރަށްތަކުގެ ހައްގުތައް ބަދަލު ކުރުމަށް ދޭން ޖެހޭ ފީ ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، މި އިސްލާހާއެކު ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކޮށް ނުހެދި ހުރި ރަށްތަކުގެ ހައްގުތައް ބަދަލުކުރުމަށް ކުރިން ނަގަމުން އަންނަ އެއްލައްކަ ޑޮލަރުގެ ބަދަލުގައި މިހާރު ނަގާނީ 10 ހާސް ޑޮލަރު ކަމަށެވެ. އަދި ހިނގަމުންދާ ރިސޯޓްގެ ހައްގުތައް ބަދަލު ކުރުމަށް ނަގާނީ 50،000 ޑޮލަރު ކަމަށެވެ.
މިހާރު މިވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދީފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރަށްތައް އަތުލުމުގައި ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ މުދަލުން ދައުލަތަށް ފައިދާވާން ޖެހޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ރިސޯޓް ތަރައްގީ ކުރުމަށް ތިން އަހަރުގެ ފުރުސަތެއް ދިނުމަށް ފަހު، އޮޓޮމެޓިކުން އެގްރިމެންޓް ބާތިލްވާނެ ކަމަށެވެ. ރަށްތައް ތަރައްގީ ކުރުމުގައި ލުއިތައް ދީގެން ނަމަވެސް އެތައް ތަރައްގީ ކުރުން ވިސްނުން ގެންގުޅުއްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރަން އެދުމުން އެކި ހާލަތްތަކާ ގުޅުވައި އެކި މުއްދަތުތަކަށް އިތުރު ވެސް ކޮށްދީފައި އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރިސޯޓެއް ތަރައްގީކުރަން އުސޫލެއްގެ ގޮތުން ދެނީ ތިން އަހަރުކަމަށާއި ފަޅެއް ހިއްކާ ނަމަ ފަސް އަހަރުގެ މުއްދަތު ދޭ ކަމަށާއި އެއާ އެކު އެ ހާލަތާ ގުޅުވައި މުއްދަތު އިތުރުކޮށްދޭ ކަަމަށް ވެސް ވިދާޅުވި އެވެ.
"އިންވެސްޓަރުން ވެސް ވިސްނާވަޑައިގަންނަވަންވީ ރަށެއް އަތުގައި ބާއްވައިގެން މިއަދަށް ވުރެން މާދަމާ އެ ރަށުގެ އަގަށް ވާނީ ކިހިނެއްތޯ. މިއަދު ގޮތެއް ނިންމަންވީ. ކުރިން ލިބުނު ގޮތަށް ރަށެއް ވިއްކާލައިގެން ރޭ ވެފައި އަލިވިލެންވާ އިރަށް ތިމާއަށް ތިން، ހަތަރު، ފަސް މިލިއަން ޑޮލަރު ލިބިދާނެ ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން،"
މިނިސްޓަރ މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށްތައް ނަގައި ނުހެދި ހުރި ފަރާތްތަކަށް މިހާރު ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ވެސް ދީފަ އެވެ. އެންމެ ފަހުން ބިޑަށްލީ ނުވަ ރަށަށް 18 ބީލަމެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!