އެންމެ ފުރަތަމަ ކަމަކަށް ހިތަށް ގެންނަން ވީ ކަމަކީ ﷲއީ އެންމެ ޙިކުމަތްވަންތަ އިލާހު ކަމެވެ. "އަލްޙަކީމް" އެއީ އެއިލާހުގެ މަތިވެރިވެގެންވާ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. ޙަކީމް މި ޢަރަބި ކަލިމަ ނެގިފައައިވަނީ ޙުކުމް، މި ކަލިމަވެސް ނެގޭ އަސްލުންނެވެ. އެއީ ح، ك، م މި ތިން އަކުރުންނެވެ.
ﷲއީ ޙުކުމް ކުރައްވާ އަދި އެއިލާހު ކުރައްވާ ޙުކުމްތަކުގައި ޙަކީމްވަންތަ އިލާހެވެ. އެހެންކަމުން އެއިލާހު ކުރައްވާ ކޮންމެ ޙުކުމެއްގައިމެ މަތިވެރިވެގެންވާ ޙިކުމަތެއް ވާނެކަން ޔަޤީނެވެ. އޭގެތެރެއިން ބައެއް ކަންކަމުގެ ޙުކުމް އަހަރެމެންނަށް ފަހުމް ވެފައިވީ ނަމަވެސް އެއިލާހުގެ އެތައް ބައިވަރު ޙުކުމް ތަކެއްގެ ޙިކުމަތް އަހަރެމެންނަށް ފަހުމްނުވެވެސް ދެއެވެ.
އެހެންކަމުން އެއިލާހުގެ އެއްވެސް އަމުރުފުޅަކާ ނުވަތަ ޙުކުމްފުޅަކާ ދެކޮޅު ހެދުމުގެ ޙައިސިއްޔަތެއް އަހަރެމެންކުރެ އެކަކަށްވެސް ލިބިގެންނުވެއެވެ. އެއިލާހުގެ އަމުރުތަކަށް އަހަރެމެން ތަބާވާން ޖެހޭނީ އެއަމުރެއް ކުރެވިފައިވާ ސަބުބު އެނގިގެން ކުރާ ބީދައްކުންނެއް ނޫނެވެ. އަހަރެމެންނީ އެއިލާހުގެ އަޅުތަކުންނެވެ. އަހަރެމެންނަށް ވަނީ އެއިލާހަށް ފުރިހަމައަށް ކިޔަމަންތެރިވުމެވެ. އަހަރެމެންގެ ބަހަކީ އަޑުއަހައި ކިޔަމަންގަނެފީމެވެ. މިއެވެ.
ރަމާޟާން މަހުގެ ރޯދަ މިއުންމަތުގެ މައްޗަށް ފަރުޟު ކުރެއްވިކަން އަންގަވައި ދެއްވައި ﷲ ވަޙީ ކުރައްވާފައިވާ އާޔަތުގައި ވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾
މާނަ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."
މިއާޔަތުންވެސް އެނގިގެންދިޔަ ފަދައިން ރޯދައާއި ތަޤުވާވެރިކަމާ މިވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ތަޤުވާވެރިކަން ޙާޞިލު ކުރެވުމަކީ ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިންވާ ޙިކުމަތެކެވެ. ތަޤުވާ ވެރިކަމަކީ ކޮބައިތޯއެވެ.
އެއީ ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލެނބުމާއެކު އެއިލާހު ނަހީ ކުރެއްވި ކަންކަމުން ދުރުވެހުރުމެވެ. ދަރުހެއްގައި ޢިލްމުވެރިއަކު ވިދާޅުވި އަޑު އެހީމެވެ. ތަޤުވާވެރިކަމަކީ، ތިމާ ފިޔަވަޅެއް އެޅުމުގެ ކުރިން އަމިއްލަ ނަފުސާ މިފަދައިން ސުވާލު ކޮށްލުމެވެ. އަހަރެން މި ފިޔަވަޅު އަޅައިފި ނަމަ ﷲ، އަހަރެން ދެކެ ރުއްސަވާނެތޯއެވެ. ނުވަތަ އެއިލާހުގެ ނުރުއްސެވުން އަހަރެންގެ މައްޗަށް ޙައްޤުވާނެތޯއެވެ. މާނައަކީ ތިމާ މިދުނިޔޭގެ ޙަޔާތުގައި ކުރާ ކޮންމެ ކަމެއްމެ ކުރުމުގެ ކުރިން އަމިއްލަ ނަފުސާ މިފަދައިން ސުވާލުކޮށް، ﷲ ރުއްސަވާނޭ ކަމެއް މެނުވީ ނުކުރާށެވެ. އަދި އެކަމެއް ކުރުމުން އެއިލާހުގެ ނުރުއްސެވުން ޙައްޤުވެދާނޭ ފަދަ ކަމެއް ނުކުރާށެވެ. ރޯދަ ހިފުމަކީ ޙަޤީޤަތުގައި އިންސާނާ އަށް ފަސޭހަ ކަމެއް ނޫނެވެ.
ﷲ އިންސާނާގެ ކިބައިގައި ލައްވާފައިވާ ކެއުމުގެ ޝަހުވަތާއި ޖިންސީ އެދުން ފުއްދުމުގެ ޝަހުވަތު ދުވަހުގެ ބޮޑު ބައެއްގަ އެއިލާހުގެ އަމުރުފުޅަށް ކިޔަމަން ގަތުމުގެ ގޮތުން ދޫކޮށްލަނީ އެވެ. އެއާއެކު ތަޤުވާ ވެރިކަން ނަފުސުގައި އަށަގަތުމަށް އެހީވެދޭ ހެޔޮ ޢަމަލުތައް ކުރުން މަތީ ރޯދަވެރިޔާ މި މާތް މަހުގެ ރޭގަނޑާއި ދުވާލުގެ ވަގުތުތައް ހޭދަ ކުރެއެވެ.
ދުޢާއަކީ ރަމަޟާން މަސް ނިމިގެންދާއިރު ތަޤުވާވެރި ބައެއްގެ ގޮތުގައި އަޅަމެން ވެގެން ދިއުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!