ޑްރަގް މައްސަލައެެއްގައި އުމުރަށް ޖަލަށްލާފައިވާ ކުރީގެ މިސްޓަ މޯލްޑިވްސް ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ގެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ހަތް ކިލޯގެ ޑްރަގާ އެކު، 2017 ވަނަ އަހަރު ހައްޔަރުކުރި ޝާންޓޭ އުމުރަށް ޖަލަށްލާން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ފަހު ބަސް ބުނުމުގެ ފުރުސަތު ކޯޓުން ދިނެވެ.
ދައުލަތުން ބުނީ މަސްތުވާތަކެތި ފެނުނު ފޮށިގަނޑު ހުރީ ޝާންޓޭގެ ބެލުމުގެ ދަށުގައި ކަމާއި އަދި އެ ފޮށީގައި ޑްރަގް ހުރިކަން އޭނާއަށް އެނގޭ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އެ މައްސަލަ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓައިދޭން ދައުލަތުން އެދުނެވެ.
ޝާންޓޭގެ ވަކީލް އާދަމް އާސިފް ވިދާޅުވީ މަސްތުވާތަކެތި ފުލުހުން ތަހުލީލުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ.
އޭޝިއަން ގޭމްސްގައި ރާއްޖެއަށް 2017 ވަނަ އަހަރު ރަން މެޑަލް ހޯދައިދިން ޝާންޓޭގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު، ބައި މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!