ހިޔާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޓަވަރުތަކުގެ ބޭރުގަޔާއި ތިރީގައި ކާބޯތަކެތި ވިއްކަމުން އަންނަ މީހުންނަށް އެތަކެތި ނަގަން އެޗްޑީސީ އިން އަންގައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ ހިޔާ ސަރަހައްދަކީ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދަކަށްވާއިރު އެ ތަނަކީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރު ކަމުގެ މިންގަޑަށް ނުފެތޭ ތަނެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކާބޯތަކެތި ބޭނުން ކުރުމުން ބަލިމަޑުކަމެއް އުފެދިދާނެތީ ޝަކުވާތައް ލިބޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެޗްޑީސީން ބުނީ އެ ޝަކުވާތަކާއެކު އެތަން ބެލުމުން ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަނީ ހުއްދަ ނުގަގައި ގަވާއިދާ ހިލާފަށް ކަން އެނގިފައިވާ ކަމަށެވެ. އެހެންވެ މާދަމާއިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ނަގަން ވަނީ އަންގާފައެވެ.

އެ މުއްދަތުގައި އެތަންތަން ނުނަގާނަމަ އެޗްޑީސީ އިން އެތަންތަން ނަގާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ހިޔާ ފްލެޓު ސަރަހައްދުގައި ހިރަފުހުގެ އަސަރު އަދިވެސް ވަރަށް ގަދައެވެ. ވައި ޖެހޭ ވަގުތު ބައެއް ޓަވަރުތަކަށް ހިރަފުސް ވަންނަ ކަމުގެ ޝަކުވާތައް ވެސް ލިބެއެވެ. އެ ހާލަތުގައި އެ ތަނުގައި ވިއްކާ ކާބޯތަކެތީގައި ހިރަފުހުގެ އަސަރު ހުންނާނެ ކަމަށާއި އެކަން ހުއްޓާލަން އެ ތަނުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވެސް އަންނަނީ އެދެމުންނެވެ.