ރޯދަމަހުގެ ފުރަތަމަ ދުވަހު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ މާފުށީ ޖަލުގެ ޤައިދީންނާއެކު މިއަދު ރޯދަ ވީއްލުމުގައި ބައިވެރި ވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވީ މިރޯދަވީއްލުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ އިތުރުން އެމްސީއެސްގެ ބައެއް އިސްވެރިން ބައިވެރިވެލެވިކަމަށެވެ.
ރޯދަ ވީއްލުމުގެ ކުރިން މިނިސްޓަރ އިމްރާން ވަނީ އެޖަލުގެ ބައެއް ގައިދީން ނާއި ބައްދަލުކުރައްވާފަ އެވެ.
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މާފުށީ ޖަލުގެ ޤައިދީންނާއެކު މިއަދު ރޯދަ ވީއްލުމުގައި ބައިވެރިވެލެއްވުން pic.twitter.com/G7PFNplvm2
— Maldives Correctional Service (@CorrectionsMv) April 2, 2022
އެމްސީއެސް އިން އާންމު ކޮށްފައިވާ ބައެއް ފޮޓޯ ތަކުން ފެންނަ ގޮތުގައި ރޯދަވީލުމުގައި މިނިސްޓަރ އިންނެވީ ގައިދީންނާއި އެއްމޭޖެއްގަ އެވެ.
ހޯމް މިނިސްޓްރީން ބުނީ އިމްރާން މިއަދު މާފުށި ޖަލަށް ވަޑައިގެން, ޤައިދީންނާ އެއް ސުފުރާއެއްގައި ޤައިދީންނާއެކު ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެން, ޤައިދީންގެ އަޑު އަހާފައިވާ ކަމަށެވެ. އަދި ރޯދަމަހު ޤައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެގަތުމަށް ޤައިދީންނާއެކު ވަގުތު ހޭދަކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.
"ޤައިދީން ރަނގަޅު ބައެއްގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެމަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާނެ. ޤައިދީންނާއެކު މިއަދު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކަކީ އެކަމަށްވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް"
ޤައިދީންނާއެކު ރޯދަވީއްލުމަށްފަހު އިމްރާން ވިދާޅުވި އެވެ.
މީގެ ކުރިން މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ކަރެކްޝަނަލް ސާވިސްއިން ފޯރުކޮށްދެމުން ދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިއްމު ހިދުމަތެއްކަމަށާއި އަދި ރާއްޖޭގެ ކަރެކްޝަނަލް ސާވިސް މިހާރު ވަނީ ޒަމާނީ ހިދުމަތަކަށް ބަދަލުވެފައިކަމަށެވެ. އެގޮތުން ކަރެކްޝަނަލް ސާވިސްއިން ކުށްވެރިން އަލުން މުޖުތަމައަށް ނެރުމުގެ ކުރިން ރިހެބިލިޓޭޓުކޮށް، ފަރުވާދީ، ހުނަރުތައް ދަސްކޮށްދޭކަމަށް ވިދާޅުވެފައިވެއެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ކުށްވެރިން އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަރެކްޝަނަލް ސާވިސްއިން ކުރާ މަސައްކަތްތަކަށް އިމްރާން ޝުކުރު އަދާ ކުރައްވާފައިވެ އެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!