މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިޢުލާން ކުރައްވައިފި އެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ މިކަން ރަސްމީކޮން އިޢުލާން ކުރެއްވީ މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާ އަށް ފަހު އެވެ.
މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހު މިކަން އިޢުލާން ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރެވެ. ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ހަނދާގުޅޭ ގޮތުން ނެރުއްވި ޤަރާރު އިއްވަވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދިވެހިރާއްޖެއާ އިސްލާމީ ބައެއް ޤައުމުތަކަށް ފެންނާނެކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާތީ މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.
ކޮންމެ އަހަރަކުވެސް ހަނދާއި ބެހޭ ގޮތުން ގޮތެއް ނިންމުމުގެ ބައްދަލުވުމެއް، އިސްލާމިކް މިނިސްޓްރީން އިސްލާމީ މަރުކަޒުގައި ބާއްވަމުން އަންނައިރު، ރޯދައަށް ހަނދު ސާބިތު ކުރުމުގައި އިސްލާމީ އެހެން ގައުމުތަކުން ހަނދާބެހޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށް ވެސް ބަލަމުން އާދެއެވެ.
އެހެން އަހަރަކުތަކެކޭ ވެސް އެއްގޮތަށް ހަނދު ސާބިތުކުރުމަށް މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭންޖެހޭނީ މާލޭގައި ނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރި މަތީގައެވެ. އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓް ކޯޓެއް ނެތްނަމަ އެރަށެއްގެ ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިއެއްގެ ކުރިމަތީގައެވެ.
ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، މިނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންޖެހޭނެއެވެ.
މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ މުލަ ރޯދަ ދުވަހަކަށް ވާނީ މި ފެށުނު އޭޕްރިލް 2 ވާ ހޮނިހިރު ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!