މީގެ 11 އަހަރު ކުރިން ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމްގެ ގާތިލަކު މަރަން ހުކުމްކޮށްފައި ވަނިކޮށް އޭނާގެ ވާރިސުން ސުޕްރީމް ކޯޓުގައި މިއަދު ގާތިލަށް މައާފް ދީފި އެވެ.
2011 ވަނަ އަހަރު ހުޅުމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާއަށް ލަކުޑި ބުރިން ހަމަލާދީ މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ ތެރެއިން ޏ. ފުވައްމުުލަކު ޒާވިއާ އަބްދުﷲ ނަޒީފަށް ވާރިސުން މައާފް ދިނީ ސުޕްރީމް ކޯޓަށް އެ މީހުން ހާޒިރުކޮށް، ސުވާލު ކުރުމުންނެވެ.
ނަޒީފަށް މައާފް ދޭން ބޭނުންވާ ކަމަށް ބުނެ މިރުޒާގެ ބައްޕަ ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު ކުރުމުން މިރުޒާގެ ބައްޕަ ބުނީ ނަޒީފްގެ އާއިލާއިން އޭނާއާ ބައްދަލުކޮށް، އެގޮތަށް އެދިފައިވާތީ އޭނާ ބޭނުންވަނީ މައާފް ދޭން ކަމަށެވެ. މިރުޒާގެ ދެން ތިބި ވާރިސުން ވެސް ބުނީ އެގޮތަށެވެ.
ނަޒީފް ދައުވާއަށް އިންކާރު ކުރަނިކޮށް މައާފް ދިނީ ކީއްވެގެންތޯ ސުވާލު ކުރުމުން މިރުޒާގެ ބައްޕަ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި މައާފަށް އެދޭނީ ކުށްކުރުމުން ކަމަށެވެ. އަދި މައާފް ދިނުމުގެ ކުރިން ދީނީ އިލްމުވެރިންގެ ލަފާ ހޯދި ކަމަށް ވެސް އޭނާ ބުންޏެވެ.
އެއްވެސް ބިރެއް ދައްކާފައިވޭތޯ ބެންޗުން އެއްސެވުމުން ވެސް މިރުޒާގެ ބައްޕަ ބުނީ ބިރެއް ނުވަތަ އިންޒާރެއް ދައްކާފައި ނުވާ ކަމަށެވެ. މައާފް ދިނީ އެގޮތަށް ބޭނުންވުމުން ކަމަށް ބުންޏެވެ.
އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ވާރިސުންގެ ތެރެއިން އެކަކު ދެކޮޅު ހެދިޔަސް، ގާތިލުގެ ކިބައިން މަރަށް މަރު ނުހިފޭނެ އެވެ. ގާނޫނީ އަދަބެއް އޭގެ ބަދަލުގައި ދެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!