ޕީޕީއެމް ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގައި ހުރީ ބޮޑުތަޅު އަޅުވާފައި ކަމަށާއި، އެހެންވެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާން ނުޖެހޭތީ އެ ސަރުކާރުގެ އެއްވެސް ވަޒީރަކަށް މަޖިލީހުގައި ދޮގުހަދަން ވެސް ނުޖެހޭ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ދޮގުހައްދަވާފައިވާކަމަށާއި، އެހެންވެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ފިޔަވަޅު އަޅަން ގޮވައިލާ މައްސަލައެއް ހުށަހަޅުއްވާފައެވެ.
އެ މައްސައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ދޮންބިލެއް އަޙްމަދު ވިދާޅުވީ، ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާއިރު، ދޮގު މަޢުލޫމާތު ދިނުން އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި، އެކަމަކީ އޭނާވެސް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއްކަމަށެވެ.
"ހަމަގައިމު ވެސް ޕީ.ޕީ.އެމްގެ ސަރުކާރުގައި އެއްވެސް ވަޒީރަކު ދޮގުހަދާފައެއް ނެތް މި ތަނަށް އައިސް. އެއީ ވަޒީރަކު މި ތަނަކަށް ނުގެނޭ. މަޖިލީހެއް ނުބާއްވާ. އެހެންވީމާ، ދޮގެއް ވެސް ނަހަދާނެ. މަޖިލީހެއް ވެސް ނޯވޭ. މަޖިލީހުގެ މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ތިބެނީ ޖަލުގައި. އެހެންވީމާ، މަޖިލީހެއް ނުހިނގާ. މަޖިލިސް އޮންނަނީ ބޮޑު ތަޅުއަޅުވާފަ." ދޮންބިލެތް ވިދާޅުވިއެވެ.
ދެރަކަމަކީ ފިތުނަ އުފެއްދުމަށް ގޯސް ވިސްނުމެއްގައި އެފަދަ މައްސަލައެއް މަޖިލީހަށް ވެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެއީ ބެލުން ރަނގަޅު މައްސަލައެއްކަމަށް ދެކިވަޑައިގަންނަވާތީ ކަމަށާއި، އެޖެންޑާ 19ގެ ތަފާތަކީ ވެސް އެއީ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.
"ޙަޤީޤަތުގައި ވެސް އަޅުގަނޑުމެން އައީ ޤައުމު އިޞްލާޙުކުރަން، ސަރުކާރު ޕާޓީ ހިންގާ މެންބަރުންގެ ގޮތުގައި އަޅުގަނޑުމެން މިތާ ތިބެ މިކަން މި ކުރަނީ، ދެ ވަޒީރަކު ދެ ވާހަކައެއް ދެއްކެވީމާ، ދެން އަޅުގަނޑުމެން އެކަމަށް ފާރަލައި ބަލަންޖެހޭނެ." ދޮންބިލެތް ވިދާޅުވިއެވެ.
ދޮންބިލެތް ވިދާޅުވީ، ބަލައިނުލާ ކުއްލިޔަކަށް ދިފާޢުކުރަން ވާހަކަދެއްކުމަކީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިއްބަވަނީ މުޅި ދައުލަތާއި، މުޅި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރަން ހުވައެއް ކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!