ގަތަރުގައި މި އަހަރުގެ ނޮވެމްބަރު/ޑިސެމްބަރު މަހު ބާއްވާ ފީފާ ވޯލްޑް ކަޕަށް ފުޓްބޯޅަ މުބާރާތަށް ކެނަޑާ ކޮލިފައި ވެއްޖެއެވެ.
މުބާރާތުގެ ޖާގައެއް ކެނަޑާއިން ޔަގީންކުރީ ކޮލިފިކޭޝަން މެޗުގައި ޖަމެއިކާ ބަލިކޮށްގެންނެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅެ ކެނެޑާ އިން ޖެމެއިކާގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކެނަޑާ ވޯލްޑް ކަޕަށް ކޮލިފައިވެފައި މި ވަނީ، ކޮލިފައިންގައި އެ ޓީމަށް ބާކީ އެއް މެޗު އޮއްވަ އެވެ.
އުތުރު އެމެރިކާގެ ކޮލިފައިންގައި ކެނަޑާއިން ވަނީ މޮޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. މިގޮތުން ކޮލިފައިންގައި އެ ޓީމް ބަލިވެފައި ވަނީ ކޮސްޓަރިކާ އަތުން އެކަންޏެވެ.
ރޭ ކުޅުން މެޗުގައި ކެނަޑާއަށް ލަނޑުތައް ޖަހައިދީފައި ވަނީ ކައިލް ލެރިން އާއި ޓެޖޮން ބުޗަނަން އާއި ޖޫނިއާ ހޮއިލެޓެވެ. ކެނެޑާގެ ފަހު ލަނޑަކީ ޖެމެއިކާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މިއީ ކެނަޑާ މުބާރާތަށް ކޮލިފައިވި ދެވަނަ ފަހަރެވެ. މީގެ ކުރިން ކެނެޑާ މުބާރާތަށް ކޮލިފައިވީ 1986 ވަނަ އަހަރުއެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ކެނެޑާ މުބާރާތާ އަލްވަދާއުކީ ޕޮއިންޓެއް ވެސް ނުލިބިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!