ދައުލަތުގެ ރަސްމީ އިދާރާތަކުގެ އަންގާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުން ބޯލެނބުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ.
އީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައިވަނީ، ޤާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ޙުދޫދުގެ ތެރޭގައި ކަމަށެވެ.
އެހެންކަމުން ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ޙަރަކާތްތައް، ޤާނޫނާއި ގަވާއިދުގެ ޙުދޫދުގެ ތެރޭގައި ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ދައުލަތުގެ ޚާރިޖީ ސިޔާސަތުތަކާއި ޚާރިޖީ ގުޅުންތަކަށް އިޙްތިރާމުކުރުމާއެކު ކުރިއަށް ގެންދެވުމަށް އީސީން ވަނީ އެދިފައެވެ.
އަދި ދައުލަތުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލްތިމާސްކުރާކަމަށް އީސީން ވަނީ ބުނެފައެވެ.
ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.
އީސީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާދަމާ ވެރިރަށް މާލޭގައި "ނޭވާ ހޮޅިއަށް" ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑު އެއްވުން ކުރިއަށް ނުގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް އަންގާފައި ވަނިކޮށެވެ.
އިދިކޮޅުން ބާއްވަން ނިންމާފައިވާ އެއްވުމާއިގުޅިގެން ފުލުހުން އާންމުކުރެއްވި ބަޔާނެއްގައި ވަނީ މި އެއްވުން ނުބޭއްވޭނެކަން އަންގާފައެވެ. އަދި އެއްވުން ނުބާއްވާން އެންގީ އެ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމުން ކަމަށް ފުލުހުން ވިދާޅުވެފަވެއެވެ.
"ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ޚިދުމަތްތަކަށް ހުރަސް އެޅޭގޮތަށް ކަންކަން ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއް ވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ދަނީ ރާވަމުންނެވެ." އެ ބަޔާނުގައި ފުލުހުން ވިދާޅުވެފަވެއެވެ.
ފުލުހުން ވަނީ އެ އެއްވުން ރޫޅައިލައި، އެއްވުމުގެ ބައިވެރިވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ފުލުހުންގެ ބަޔާނާ ގުޅިގެން އިދިކޮޅުގެ ލީޑާޝިޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ، ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ އެއްވެސް ކަމަކީ ޙަޤީޤަތެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ވިދާޅުވި، ނަމަވެސް ހުކުރު ދުވަހު ބޭއްވުމަށް ރާވައިފައިވާ އެއްވުން ކުރިއަށް ދާނެ ކަމަށް އަދުރޭ ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!