ޔޫރަޕިއަން ޔޫނިއަން އާއި އިކޮނޮމިކް މިނިސްޓްރީ އާއި ޕްރައިވެޓް ސެކްޓަ ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ގިނަ އަދަދެއްގެ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފިއެވެ.

މިއީ އީޔޫގެ ފަރާތުން ފަންޑްކޮށްފައިވާ " އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ދޭ އެހީއެކެވެ. އެ އެހީ ދިނުމަށް އިއްޔެ ވަނީ ކ. ތުލުސްދޫގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

Ad
rt

މި އެހީގެ ދަށުން އީޔޫއިން ހަދިޔާ ކުރީ 2 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 36 މިލިއަން ދިވެހި ރުފިޔާ) އެވެ. އެއީ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ހާއްސަކުރެވިފައިވަ އެހީއެކެވެ.

މިޕްރޮޖެކްޓްގެ ދަށުން ވިޔަފާރިތަކަށް ގްރާންޓުގެ ގޮތުގައި 1.4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިހާތަނަށް މިއެހީ 219 ފަރާތަކަށް ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 181 ގެސްޓްހައުސްގެ އިތުރުން 38 ސަފާރީއެވެ.

އީޔޫގެ ފަރާތުން ވާހަކަ ދައްކަވަމުން މިސް ޖެނީ ކޮރެއިއާ ނޫންސް، ހެޑް އޮފް ކޯޕޮރޭޝަން އެޓް ދަ އީޔޫ ޑެލިގޭޝަން ޓު ސްރީ ލަންކާ އެންޑް ދަ މޯލްޑިވްސް ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުގެ އަމާޒެއްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރެވި، މުޖްތަމައުގެ ބައިވެރިވުން އިތުރުކުރެވުމުގެ ސަބަބުން އެކަމުގެ ފައިދާ އެފަރާތްތަކަށް ލިބިގެންދާނެކަމަށެވެ. އަދު އެ އެހީތެރިކަން ފޯރުކޮށްދޭ ގެސްޓްހައުސްތަކާއި ސަފާރީތަކުން އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހެޔޮ އަގުތަކެއްގައި، މުޖްތަމައާ ވީހަވެސް ކައިރިން ތަފާތު ތަޖުރިބާތައް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން އާރާސްތުކުރުމުގައި އިސް ދައުރެއް އަދާކުރި ޕްރޮޖެކްޓެއް ކަމަށެވެ.

މިޕްރޮޖެކްޓްގެ ޒަރިއްޔާއިން 600 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ފޯރުކޮށްދެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރެއެވެ. މި އެހީ ދެނީ އޮޕަރޭޓް ކުރުމުގެ ސައްހަ ލައިސަންސެއް ޑިސެންބަރު 2019 ނުވަތަ ޖަނަވަރީ 2020 ނުވަތަ ފެބުރުވަރީ 2020 ގައި އޮތް ފަރާތްތަކަށެވެ.