ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
2017 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޅ. ހިންނަވަރަށް ނިސްބަތްވާ އިސްމާއިލް މަރާލީ އޭނާއާ އެކު އައިސްޕްލާންޓްގައިި މަސައްކަތްކުރި ބަންގްލަދޭޝްގެ ސުމޮން މިއާ އެވެ.
ސުމޮން ވަނީ ކޯޓުގައި ކުރިން އެކަމަށް އެއްބަސްވެފަ އެވެ. ފަހުން އޭނާ ބުނަމުންދަނީ ފުލުހުން އޭނާއަށް ބިރުދެއްކުމުން އެއްބަސްވީ ކަމަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ ސުމޮންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފަ އެވެ. އަދި އިސްމާއިލްގެ ވާރިސުންގެ ގޮތުގައި ތިބި އެންމެންގެ ބަސް ހޯދުމަށްފަހު، ސުމޮންގެ ކިބައިން މަރަށް މަރު ހިފަން އެ މީހުން ބޭނުންވާ ކަމަށް ބުނުމުން އިސްާލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ސުމޮން މެރުމަށް މެރުމަށް ހުކުމްކުރީ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
ސުމޮންއަކީ ރާއްޖޭގައި މަރުގެ އަދަބު އިއްވި ދެވަނަ ބިދޭސީ މީހާ އެވެ. މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރަން ޖެހެ އެވެ. އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުނަސް، ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއްް ތަންފީޒު ކުރީ 1953 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!