އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މަސްރޭހުގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ މުއްދަތު މިރޭ 11:59ގައި ހަމަވާތީ ޓީމުތަކުން ރަޖިސްޓްރީ ކުރުމަށް އެ ކުންފުނިން ހަދާން ކޮށްދީފިއެވެ.
މި ހަރަކާތް އުރީދޫ އިން ބާއްވާ މިއީ 11 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި މުބާރާތަށް މީގެ ކުރިން ވަނީ ބޮޑު ތަރުހީބެއްލިބިފައެވެ.
މިއީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއިއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމެކެވެ. މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.
ކޯވިޑާ ގުޅިގެން އުރީދޫ އިން ފާއިތުވި ދެ އަހަރު އެ މުބާރާތް ނުބާއްވައެވެ. އަލުން މުބާރާތް ބާއްވަން ނިންމީ ކަސްޓަމަރުންނާއި މަސްބޭނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކަމަށް އުރީދޫ އިން ބުންޏެވެ.
ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ.
މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތައް:
• އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ
• އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާ އާއި ރަންކޯރި
• އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 ރުފިޔާ
އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބާއްވާނެއެވެ. މި މުބާރާތުގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ 1 މޭ 2022 ގައެވެ.
✨ Last day to register to Masrace! Grab your slot before 11:59pm today to be a part of the biggest the most exciting fishing competition, #OoredooMasrace.
Register now: https://t.co/LnWOOHR2yX pic.twitter.com/2134wmlg0x
— Ooredoo Maldives (@OoredooMaldives) March 23, 2022
މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!