އިނގިރޭސި އެފްއޭކަޕް ސެމީ ފައިނަލުގައި ޗެލްސީއާއި ކްރިސްޓަލް ޕެލަސް ވާދަކުރަން ޖެހޭއިރު މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ވާދަކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދާފައި ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ސައުތެމްޓަންގެ މައްޗަށް 4-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީއަށް ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަހީމް ސްޓާލިންއެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ދެ މިނެޓްގެ ތެރޭގައި ސިޓީގެ ޑިފެންޑަރ ލަޕޯޓާ އަތުން ބައިކޮޅަށް ވަތް ގޯލާއިއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ ނަތީޖާ ހަމަހަމަކޮށް އޮވެގެންނެވެ.
މެޗުގެ ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައި ވަނީ 62 ވަނަ މިނެޓުގައި ލިބުނ ޕެނަލްޓީއަކުން ކެވިން ޑި ބްރޭނާއެވެ. ސިޓީގެ ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި ފިލް ފޮޑެން ކާމިޔާބު ކޮށްދީފައިވާއިރު، ހަތަރުވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މަހްރޭޒްއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ލިވަޕޫލާއި ނޮޓިންހަމް ފޮރސްޓް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ ލިވަޕޫލެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި ސިމިކަސް ތަނަވަސް ކޮށްދިން ފުރުޞަތެއަގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިއެގޯ ޖޮޓާއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި މިޑްލްސްބަރާ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ޗެލްސީ މުބާރާތުގެ ސެމީން ޖާގަ ހޯދިއިރު، އާދީއްތަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް ވަނީ 4-0 ގެ ނަތީޖާއިން އެވަޓަން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އޭޕްރިލް މަހުގެ 16 އަދި 17 ގައެވެ. ސެމީފައިނަލުގައި މެންޗެސްޓާ ސިޓީ ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ. ޗެލްސީ ނުކުންނާނީ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!