ފްރާންސް ލީގުގައި ޕީއެސްޖީއާއި މޮނާކޯ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު މޮނާކޯއިން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހު ހަވީރު މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މިއީ މި ސީޒަންގައި މިހާތަނަށް، ލީގުގައި ޕީއެސްޖީ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ލީގުގައި ރަށުން ބޭރުގައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން ޕީއެސްޖީން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފައެވެ.

Ad
rt

މި މެޗުގައި މެސީ ކުޅެފައި ނުވި ނަމަވެސް އެ ޓީމްގެ ތަރިން ކަމަށްވާ އެމްބާޕޭގެ އިތުރުން ނޭމާ ވެސް ވަނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

މެޗުގެ ކުރީކޮޅު މޮނާކޯގެ ޖީން ލޫކަސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތު ލިބިފައެވެ. އޭރިއާތެރޭ ހުރެ ފޮނުވާލި އެއް ހަމަލާ ޑިފެންޑަރުންގެ ގައިގައި ޖެހިފައި ބޮލޮކްވީއިރު ދެވަނަ ހަމަލާ ވަނީ ޕީއެސްޖީގެ ކީޕަރު ޑޮނަރުންމާ ދިފާއުކޮށްފައެވެ. މެޗުގައި މޮނާކޯއިން ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 25 ވަނަ މިނެޓުގައެވެ. މި ލަނޑު ފޮފާނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެން ޔެޑަރއެވެ.

މެޗުގައި މޮނާކޯއިން ކާމިޔާބުކުރި ދެވަނަ ލަނޑު 68 ވަނަ މިނޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކެވިން ވޮލަންޑެވެ. މޮނާކޯއިން ދެ ލަނޑުގެ ލީޑެއް ނެގުމާއިއެކު ޕީއެސްޖީން ވަނީ އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން އިކާޑީއާއި ޑްރެކްސްލާގެ އިތުރުން ޑިއާލޯވެސް ކުޅެން ނެރެފައެވެ. ނަމަވެސް ޕީއެސްޖީއަށް ލަނޑެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް މޮނާކޯއިން ވަނީ އިތުރު ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ.

މެޗުގައި މޮނާކޯއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ބެން ޔެޑަރއެވެ.

މި މެޗުން ބަލިވި ނަމަވެސް ޕޮއިންޓް ތާވަލުގެ އެއްވަނާގައި 13 ޕޮއިންޓްގެ ލީޑަކާއިއެކު އޮތީ ޕީއެސްޖީއެވެ. އެ ޓީމަށް 29 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެންއަށް ލިބިފައި ވަނީ 29 މެޗުން 52 ޕޮއިންޓެވެ. މި މެޗުން މޮޅުވި މޮނާކޯ މިވަގުތު އޮތީ ތާވަލުގެ ހަތް ވަނާގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައި ވަނީ 44 ޕޮއިންޓެވެ.