ދ. މީދޫ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ފެށިގެންދަނީ ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓް މިއަދު ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1,470 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!