ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކިންގްސްލީ ކޫމަންއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ހެނާންޑޭޒް ދިން ބޯޅައެއް ހިފައިގެން ގޮސް ޔޫނިއަން ބާލިންގެ އޭރިއާ މަތީހުރެ ގޯލުގެ ދުރުކަނަށް ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ދެވަނަ ލަނޑު 25 ވަނަ މިނެޓުގައި ކިމިޗް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ 19 އަހަރުގެ ޒުވާން ޑިފެންޑަރ ނިއާންޒޫއެވެ. މިއީ އޭނާ ބަޔާންއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ބަޔާނުން ކާމިޔާބުކުރި ތިންވަނ ލަނޑު 45 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓްތެރޭ ޖަމާލް މުސިއާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލެވަންންޑޯސްކީ ވަނީ އިތުރު ލަނޑެއްޖަހައި ހަތަރު ލަނޑުގެ ލީޑެއް ބަޔާނަށް ހޯދައިދީފައެވެ. މިއީ ލެވަންޑޯސްކީ މި ސީޒަންގައި ޖެހި 31 ވަނަ ލަނޑެވެ. މި ދެ ލަނޑާއިއެކު ލެވަންޑޯސްކީ ވެފައި ވަނީ ގާޑް މުލާ އަށް ފަހު ފަސް ސީޒަނެއްގައި ޖަރުމަނު ލީގުގައި 30 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ނޯޔާ ވަނީ ރޭގެ މޮޅާ އެކު ލީގުގައި 311 މެޗުން މޮޅުވެ، އެންމެ ގިނަ މެޗުން މޮޅުވި ކުރީގެ ބެޔާން ކީޕަރު އޮލިވާ ހާން ހަދާފައިވާ ރެކޯޑް މުގުރާލާފައެވެ. ހާން މޮޅުވެފައި ވަނީ 310 މެޗުންނެވެ.
މި މޮޅާއިއެކު ބަޔާނަށް ވަނީ ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 27 މެޗުން ލިބިފައި ވަނީ 63 ޕޮއިންޓެވެ. ދެވަނާގައި ޑޯޓްމަންޑް އޮތީ 26 މެޗުން ލިބުނު 56 ޕޮއިންޓާއިއެކުގައެވެ. މެޗުނަ ބަލިވި ޔޫނިއަން ބާލިން މިވަގުތު އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 27 މެޗުން 38 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!