އިނގިރޭސި އެފްއޭކަޕްގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި މިޑްލްސްބަރާ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ފެނިފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި މޭސަން މައުންޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކަކޫއެވެ.
ދެވަނަ ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހަކީމް ޒިޔެޗެވެ. ޒިޔެޗް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ މިޑްލްސްބަރާގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ލަނޑު ޖެހުމަށް އެސިސްޓް ކޮށްދީފައި ވަނީ ވެސް މައުންޓެވެ. މީގެ އިތުރުން ވެސް ޗެލްސީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ. މިގޮތުން އެ ޓީމްގެ ލުކަކޫއަށް ލިބުނު ހުސް ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ބާކީ ހުރި މެޗުތައް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ކުއާޓާގައި އެވަޓަން ނުކުންނާނީ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށެވެ. ރަށުން ބޭރުގައި މެންޗެސްޓާ ސިޓީން ސައުތެމްޓަންއާއި ދެކޮޅަށް ނުކުންނައިރު، ލިވަޕޫލް ރަށުން ބޭރުގައި ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!