ބާރަ ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު މިއަދު އާންމުކޮށްފިއެވެ.
މި މީހުންނަކީ، ކަނޑުމަގުން ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނެވެ.
މި މީހުން ހައްޔަރުކުރީ ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކުގައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.
އެމީހުންގެ ވަނަވަރު އާންމުކުރަށްވަމުން ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެ ތިން މީހުންނަކީ އުމުރުން 30 އަހަރުގެ މުޙައްމަދު ޢަބްދުއްލަޠީފް، ނ. ވެލިދޫ / މަރިޔާޒް އާއި، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 37 އަހަރުގެސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ ގެ އިތުރުން އުމުރުން 30 އަހަރުގެ ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަވްސަރު އަލަމް އެވެ.
އެ އޮޕަރޭޝަނުގައި، މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު މުޙައްމަދު ޢަބްދުއްލަޠީފަށް ދީފައިވެއެވެ. އަދި ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއާއި ކަވްސަރު އަލަމް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށެވެ. އަދި އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށާއި، އަދި އެ މައްސަލަ މިހާރުވަނީ ކޯޓުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށާއި، މުޙައްމަދު ޢަބްދުއްލަޠީފަކީ ވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއްކަމަށް ފުލުހުން މިއަދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!