މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ޖަލަށްލި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

ޖެނުއަރީ، 2010 ގައި ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މ. އަންގާގިރިގައި ހަދަމުން ދިޔަ އިމާރާތުގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއިންނެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުން ޝީރީނާއި ނަޖާހު މ. ކުރަހާގޭގައި އުޅުނު ކޮޓަރި ތެރޭގައި ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮށްޓަކަށް ލައިގެން ގޮސް އެއްލާލީ ކަމަށެވެ.

Ad
rt

ނަޖާހު ދަށު ކޯޓުން ސަލާމަތްވެފައި ވަނިކޮށް އޭނާ 12 އަހަރަށް ޖަލަށްލާން ހުކުމްކުރީ 2020 ވަނަ އަހަރު ހައި ކޯޓުންނެވެ. ގަސްދުގައި ޝީރީން މެރިކަން ސާބިތުނުވާތީ ނަޖާހުގެ މައްޗަށް އިއްވީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގައި 12 އަހަރުގެ ހުކުމެކެވެ. އެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ދެމެހެއްޓީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހުކުމް ލިޔުއްވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ މަންޒަރު ފެނުނު އެއްވެސް މީހަކު ނެތަސް، ހުރިހާ ގަރީނާތަކަށް ބަލާއިރު ޝީރީން މަރުވީ ނަޖާހުގެ އަމަލަކުން ކަން އެއްވެސް ޝައްކެއް ނެތި ސާބިތުވާ ކަމަށެވެ. އެކަން ދެނެގަނެވެނީ އެ ހާދިސާގެ ކުރިން ޝީރީނަށް ނަޖާހު އަނިޔާ ކުރުމާއި އެންމެ ފަހުން ޝީރީން ފެނުނީ ނަޖާހުއާ އެކު ކޮޓަރިއަށް ވަންނަނިކޮށް ކަމަށްވުމާއި އަދި ލަގެޖް ފޮށްޓެއް ހިފައިގެން އަންގާގިރި ކައިރިއަށް ނަޖާހު ދިއުމާއި ޝީރީން ގެއްލިގެން އުޅުނުއިރު ނަޖާހު ދޮގު ހަދާފައިވާތީ ކަމަށް ހުކުމުގައިވެ އެވެ.

ދަ ލާސްޓް ސީން ތިއަރީ ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ނަޖާހާ ދެކޮޅަށް ބޭނުންކުރި އެވެ. އެއީ މަރުވި މީހާއާ އެކު އެންމެ ފަހުން އުޅުނު މީހާ ފެނުނު މީހާ އެކަމަށް ޒިންމާ ކުރުވުމުގެ ތިއަރީ އެވެ. ޝީރީނާ އެކު ކޮޓަރީގައި އުޅުނީ ނަޖާހު އެކަނި ކަމަށް ވާއިރު އޭނާ މަރުވި ގޮތަކާ މެދު ނަޖާހު ޖަވާބުދާރީވާން ޖެހުނަސް، އޭނާ ބޮޑެތި ދޮގު ހަދައި އަދި ހަށިގަނޑު އެއްލާލާފައިވާތީ އެއީ ނަޖާހު ކުރިކަމެއް ކަމުގެ ހެކި ލިބިފައިވާ ކަމަށް ހުކުމުގައިވެ އެވެ.