ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކުރާ ދައުވާގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވައިބާ މެސެޖްތަކެއްގެ މައްސަލާގައި އިތުރު ސުވާލުތަކެއް އުފެދި، ހައި ކޯޓުގައި ދައުލަތަށް ސުވާލުތައް އަމާޒުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެގި ކަމަށް ބުނެ މަހްލޫފަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު އުފެއްދީ ވައިބާ މެސެޖްތަކެއް ހުށަހެޅި ބޭނުމަކާ ބެހޭގޮތުންނެވެ.

Ad
rt

ދައުލަތުން ބުނީ އެ މެސެޖްތައް ހުށަހެޅީ މޮބައިލް ފޮރެންސިކް ރިޕޯޓުގެ ބައެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު މަހްލޫފްގެ ވަކީލުން ވިދާޅުވީ ވައިބާ މެސެޖްތަކެއް ދަށު ކޯޓަށް ހުށަނާޅާ ކަމަށެވެ. ކުރިން ދައުލަތުން ދެއްކީ އެސްއެމްއެސް މެސެޖްތަކެއްގެ ވާހަކަ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެ މަރުހަލާގައި އެހާ ތަފްސީލުކޮށް ހެކިތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ފަނޑިޔާރުން އެންގެވީ ހެކިތަކުގެ ތަފްސީލު ނޭނގެނީސް، މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނެ ގޮތެއް ސާފުކޮށް ދިނުމަށެވެ. ދައުލަތުން ބުނީ އެ މަރުހަލާގައި ބަލަން ޖެހޭނީ ހެކިތަކަށް މަދަނީ މިންގަނޑުން ކަމަށެވެ. ހެކިތައް ގުޅޭ ގޮތާއި އެ ހުރިހާ ތަފްސީލަކަށް ދާންޖެހޭނީ ފަހުން ކަމަށެވެ.

އެ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައި، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. ކުރިން ވެސް އޮތީ ހުކުމާ ހިސާބުގަ އެވެ. އެކަމަކު ވައިބާ މެސެޖްތަކާ މެދު ސުވާލު އުފެދުމުން އިތުރު އަޑުއެހުމެއް މިއަދު ބޭއްވީ އެވެ.