ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް ވިޔަރެއާލާއި ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ވިޔަރެއާލް ކުއާޓާއިން ޖާގަ ހޯދާފައި ވަނީ އިޓަލީގެ ގަދަ ބާރެއް ކަމަށްވާ ޔުވެންޓަސް ކަޓުވާލުމަށް ފަހުއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ވިޔަރެއާލްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބުދަ ދުވަހުގެ ރޭ ދެވަނަ ލެގުގެ މެޗު ޔުވެންޓަސްގެ ދަނޑުގައި ކުޅެފައިވާއިރު، ވިޔަރެއާލުން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާ ތަކާއިއެކު ވިޔަރެއާލަށް ކުއާޓާއިން ޖާގަ ލިބިފައި ވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވެއެވެ. މެޗުގައި ވިޔަރެއާލުން ކާމިޔާބުކުރި ތިން ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފަހު ފަނަރަ މިނެޓް ތެރޭގައެވެ. ފުރަތަމަ ލަނޑު 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޖެރާޑް މޮރޭނޯއެވެ. ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ސާޖް އައުރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕައު ޓޯރޭސްއެވެ. މެޗުގައި ވިޔަރެއާލުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަސް މިނޓުގެ ތެރޭ ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ އާނަޓް ޑަޔުންމާއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދާފައި ވަނީ ފްރާންސްގެ ލިލް ބަލިކުރުމަށް ފަހުއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ޗެލްސީގެ ދަނޑުގައެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޗެލްސީއެވެ. ދެވަނަ ލެގުގެ މެޗު ލިލްގެ ދަނޑުގައި ރޭ ކުޅެފައިވާއިރު މި މެޗު ޗެލްސީ ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާތަކާއިއެކު ޗެލްސީއަށް މުބާރާތުގެ ކުއާޓާއިން ޖާގަ ލިބިފައި ވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ރޭ ލިލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ލިލްއިންނެވެ. މި ލަނޑު 38 ވަނ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ބުރަންކް ޔިލްމާޒެވެ.

ދެވަނަ ހާފުގައި ޗެލްސީން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. ފުރަތަމަ ލަނޑު 48 ވަނަ މިނޓުގައި ޖޯޖީނިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕުލިސިޗެވެ. ދެވަނަ ލަނޑު 71 ވަނަ މިނެޓުގައި މައުންޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އަޒްޕިލްކުއޭޓާއެވެ.

މިބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމްތަކަކީ ވިޔަރެއާލް، ޗެލްސީ، މެންޗެސްޓާ ސިޓީ، ލިވަޕޫލް، ރެއާލް މެޑްރިޑް، ބަޔާން މިޔުނިކް، އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ބެންފީކާއެވެ.