ދުނިޔޭގެ ތަރައްގީގެ ދާއިރާގެ “އޮސްކާ” ގޮތުގައި މަޝްހޫރުވެފައިވާ އެމްއައިޕީއައިއެމް އެވޯޑަށް ދިވެހިރާއްޖޭގެ ފްލޯޓިންގް ސިޓީ ޝޯޓްލިސްޓް ވެއްޖެއެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މި އެވޯޑަށް ޝޯޓްލިސްޓް ވެފައިވަނީ 'ބެސްޓް ފިއުޗެރާ މެގާ ޕްރޮޖެކްޓް' ކެޓެގަރީއިންނެވެ. އެ ވޯޑަށް މި ޕްރޮޖެކްޓް ނޮމިނޭޓްވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑެވްލޮޕްމެންޓަލް ޕްރޮޖެކްޓްގެ ތެރެއިންނެވެ.

Ad
rt

މި އެވޯޑު ލިބޭ ޕްރޮޖެކްޓް މާދަމާ އިއުލާން ކުރާނެއެވެ.

ފްލޯޓިން ސިޓީ އަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހަދާ އީޖާދީ ބޯހިޔާވެހިކަމުގެ ޕްރޮޖެކްޓްއެކެވެ. އެންމެ ޒަމާންވީ ނެދަލެންޑްސްގެ ފްލޯޓިންގް ޓެކްނޯލޮޖީއާއެކު ހަދާ މި ސިޓީގައި 5000 ފްލޯޓިންގް ހައުސިންގް ޔުނިޓް އަޅާނެއެވެ. މި ޔުނިޓްތައް ފަރުމާ ކުރެވިފައިވަނީ ސަލާމަތްތެރިކަމާއި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށެވެ.

އެ އެވޯޑަާށް ދެން ޝޯޓްލިސްޓް ވި 3 ޕްރޮޖެކްޓަކީ ބާސެލޯނާގައި ހުންނަ ކުރީގެ މާސިޑީޒް ފެކްޓަރީއެއް އިކޯ ޑިސްޓްރިކްޓްއަކަށް ބަދަލުކުރާ ޕްރޮޖެކްޓްއަކާއި، ސިއިމެންސް އިން ބެންގަލޫރުގައި ހަދާ ހެލްތިނިޔާސް ކެމްޕަހާއި ޗައިނާގައި ހަދާ އަލިބާބާ ކުންފުނީގެ އެކަޑެމީއެވެ.

ފްލޯޓިންގް ސިޓީގެ ޑިރެކްޓަރު އިބްރާހިމް ރިޔާޒް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ އެވޯޑަކަށް ނޮމިނޭޓް ވުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި މި އެވޯޑުގެ އެންމެ ފަހުގެ ހަރުފަތަކަށް ދެވުމަކީ މި ޕްރޮޖެކްޓް އާ މެދު އިތުބާރު އިތުރުވެ، ބޭނުންކުރެވޭ ޓެކްނޮލޮޖީގެ މޮޅުކަން ހާމަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.