ނ. ތޮޅެންދޫ ދަނޑުވެރިކަމުގެ ބޭނުމަށް 21 އަހަރަށް ކުއްޔަށް ދޭން ސަރުކާރުން ނިންމާފައިވާ ވަނިކޮށް އެކަން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިންގަލް ޕާސަލް އުސޫލުން ތޮޅެންދޫގެ ވަސީލަތްތައް ދަނޑުވެރިކަމުގެ ބޭނުމަށް އެހެން ފަރާތަކަށް ކުއްޔަށް ދޭން ފިޝަރީޒް މިނިސްޓްރީން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރުނީ އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުންނެވެ. އެރަށުގެ ވަސީލަތްތައް އެހެން އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ރަށް ކުއްޔަށް ދޭން ކައުންސިލުން ދެކޮޅެވެ.

Ad
rt

ސިވިލް ކޯޓުން ރޭ ނެރުނު އަމުރުގައި ސަރުކާރުގެ މައްޗަށް އަމުރުކުރީ އެ މައްސަލަ ނިމެންދެން ތޮޅެންދޫ ކުއްޔަށް ދިނުމާ ބެެހޭ ކަންކަން ހުއްޓާލުމުގެ އިތުރުން އެރަށުގެ މައްޗަށް އެހެން ބައެއްގެ ހައްގެއް އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ.

ތޮޅެެންދޫގެ ވަސީލަތްތައް އެ އަތޮޅު ރައްޔިތުންނަށް ބޭނުން ނުކުރެވޭ ގޮތަށް އެހެން ބަޔަކަށް ކުއްޔަށް ދިނުމާ ދެކޮޅަށް އަތޮޅު ކައުންސިލުން ކުރިން ގަރާރެއް ފާސްކުރި އެވެ. އެ ކައުންސިލްގެ ކަންބޮޑުވުމަކީ މިހާރު ވެސް އެ އަތޮޅުގެ އެތައް ރަށެއް އެގޮތަށް ކުއްޔަށް ދީފައިވާތީ އެތަންތަނުން އަތޮޅުގެ ރައްޔިތުންނަށް އެއްްވެސް ފައިދާއެއް ނުލިބުމާއި އެތަންތަނުން މަންފާ ހޯދަމުން ދިޔަ ރައްޔިތުންނަށް އިގްތިސާދީ ފުރުސަތުތައް ބަންދުވާތީ އެވެ.