ދިވެހިރާއްޖޭގެ ބައިވެރިވުމާއެކު، އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ (އިންޓަނޭޝަނަލް ޑޭ ޓު ކޮމްބެޓް އިސްލާމޮފޯބިއާ) ގޮތުގައި ކޮންމެ އަހަރެއްގެ މާޗް މަހުގެ 15 ދުވަސް ފާހަގަކުރުމަށް އދގެ އާއްމު މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.
އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ)ގެ ގައުމުތަކުގެ ފަރާތުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް، ގަރާރުގައި ހިމެނޭ ކަންކަމުގައި ގައުމުތަކުން އެއްބަސްވުމަކަށް ގެނައުމަށް، އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.
މި ދުވަސް ބައިނަލްއަޤްވާމީ ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުން 2020 ވަނަ އަހަރު ނޮވެމްބަރު މަހު ނީޖަރގެ ނިއާމޭގައި ނިންމި ބައްދަލުވުމުގައިވެސް ފޮރިން މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތެވެ. އަދި މި ޤަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅުމަށް މެމްބަރު ޤައުމުތަކުން ކުރި މަސައްކަތުގައި ރާއްޖެއިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.
#Maldives welcomes the adoption by consensus, of the resolution submitted by the OIC, co-sponsored by the Maldives, entitled International Day to Combat Islamaphobia by #UNGA today. The day will be commemorated on 15 March every year.
— Abdulla Shahid (@abdulla_shahid) March 15, 2022
އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މަގްސަދުތަކުގެ ތެރޭގައި، އިސްލާމް ދީން ހިމެނޭހެން އެކި ދީންތަކަށް ނިސްބަތްވީތީ ކުރިމަތިވާ ތަފާތުކުރުންތަކާ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަޅުކަންކުރާ ތަންތަނަށް އެކި ގޮތްގޮތުން ދެވޭ ހަމަލާތައް ކުށްވެރިކުރުންވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!