ހުޅުމާލެ ހޮސްޕިޓަލްގެ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުވާދެއްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިސެންޓަރަށް ބައެއް ތަކެތިވެސް ހަދިޔާ ކުރައްވާފައެވެ.
މިސެންޓަރަކީ 18 އަހަރުން ދަށުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ޚިދުމަތްދިނުމަށް ގާއިމް ކުރެވުނު ސެންޓަރެކެވެ. ރަސްމީކޮށް މިސެންޓަރުގެ ޚިދުމަތް މިއަދު ފަށާފައިވީނަމަވެސް އެތަނުގައި ރަޖިސްޓްރީ ވެގެން 67 ކުއްޖަކު މިހާރުވެސް ދަނީ ވަގުތީ ގޮތުން ޚިދުމަތް ހޯދަމުންނެވެ. އެގޮތުން ޖިސްމާނީ ބަލިތަކާއި ވިސްނުމުގައި އުނިކަމާއިއެކު އުނގެނުމުގެ ދަތިކަން ހުންނަ ކުދިންގެ އިތުރުން ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަޙައްމަލު ކުރަމުންދާ ކުދިން އަދި ވާހަކަދެއްކުމަގައި ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިސެންޓަރުން ދެމުންދާ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖެގެ އުތުރާއި ދެކުނުގެ އަތޮޅު ތަކުން ވެސް ލިބިގެންދާނެ ކަމަށެވެ. އަދި އެސެންޓަރުން ދެމުންދާ ޚިދުމަތްތަކަކީ މިވަގުތު ރާއްޖޭގައި ހޯދުމަށް ވަރަށް ދަތި ޚިދުމަތްތަކެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
The services offered at Child Development Center include occupational therapy, speech therapy physiotherapy and psychology service.@JBeygum @MaariSaeed @KerafaNaseem @ali_shiyam @FaisalNasym @presidencymv @MoHmv @Mihaarunews @Raajje_tv @VMediaVTV @Sangu_TV @avasmv pic.twitter.com/U2Aqx0cRxr
— Hulhumalé Hospital (@HMH_mv) March 15, 2022
މިފަދަ ސެންޓަރެއް ގާއިމްކުރެވިގެން ދިއުމުން އެސެންޓަރުގެ ޚިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތައް މަގުފަހި ވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!