ކްރިމިނަލް ކޯޓަށް އޮންލައިންކޮށް ހުށަހަޅާ މައްސަލަތައް އޮންލައިންކޮށް ފުރަތަމަ ފަހަރަށް ބަލައިގަންނަން ފަށައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ މީގެކުރިން އޮންލައިންކޮށް މައްސަލަ ހުށަހެޅިޔަސް، ރަސްމީ ގޮތުން މައްސަލަ ހުށަހެޅި އަދި ބަލައިގަނެވެނީ ކަރުދާސްތަކާ އެކު މައްސަލަ ކޯޓަށް ފޮނުވުމުން ކަމަށެވެ. އެކަމަކު އިއްޔެއިން ފެށިގެން އޮންލައިންކޮށް ހުށަހަޅާ މައްސަލަތައް އިތުރު ކަރުދާސްތައް ފޮނުވުމަކާ ނުލައި އޮންލައިންކޮށް ބަލައިގަންނަން ފަށާފައިވާ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.
ޝަމީމް ލިޔުއްވާފައިވަނީ މައްސަލަ ހުށަހެޅުމަށްޓަކައި އޮންލައިންކޮށް، ލިޔުންތައް ފޮނުވުމުން ކްރިމިނަލް ކޯޓުގެ ހަތަރު މުވައްޒަފަކަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އެނގޭނެ އެވެ. އަދި މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނިންމުމުން އެކަން ޕީޖީ އޮފީހަށް މެސެޖް މެދުވެރިކޮށް އެނގޭނެ އެވެ. ނަގާފައިވާ ބަޔާންތައް ކޯޓަށް ފޮނުވަން ޖެހެނީ މައްސަލަ ބަލައިގަތުމުންނެވެ.
އެ ބަދަލާ އެކު، ބޮޑެތި ފައިލްތައް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޯޓަށް ފޮނުވި އަދި ކޯޓާއި ޕީޖީ އޮފީހުގެ ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވޭނެ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!