ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ބޭރުތޮށި ލުމާއި، 1565 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

އަދި، މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.