އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ދިފާއުގައި ހެކި ހުށަހަޅަން އެމަނިކުފާނަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ރިސޯޓެއްގެ ގޮތުގައި އާރަށް ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާ ހެކި ހާމަކުރި އެވެ. އެއީ ކޮން ހެކިތަކެއް ކަން ނުބުނެ، ދައުލަތުން ހަވާލާދިނީ ކޯޓަށް ހުށަހަޅާފައި އޮތް ލިޔުންތަކުގައި ހުރި ހެކިތަކަށެވެ.

Ad
rt

ޔާމީންގެ ފަރާތުން އެދިވަޑައިގަތީ އިތުރު މުއްދަތެއް އެކަމަށް ދެއްވުމަށެވެ. ކޯޓުން ދިނީ ފަސް ދުވަހެވެ. ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ޔާމީނާ އެކު އެ މައްސަލާގައި ދައުވާލިބޭ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ވެސް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ.

ދެން އޮންނާނީ ދިފާއީ ހެކި ހާމަކުރުމާއި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީނަށް ދައުވާކުރެ އެވެ.