އިންޑޮނޭސިޔާގެ ދެކުނު ސުމަތުރާ އަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެ ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ. މިބިން ހެލުން އައިސްފައިވަނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 02:09 ގައެވެ.

Ad
rt

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ މި ބިންހެލުން އައި ސަރަހައްދާއި އައްޑޫ ސިޓީ އާއި 2858 ކިލޯ މީޓަރ ދުރުމިން ހުންނަ ކަމަށެވެ.

އިންޑޮނީޝިއާގެ ސުމަތުރާ އަށް ޑިސެމްބަރު 26، 2004 ގައި 9.1 ގެ ބާރުމިނުގައި އައި ބިންހެލުމާ އެކު އުފެދުނު ސުނާމީގައި އެ ގައުމުން އެކަނި 170،000 މީހުން މަރުވި އެވެ. މުޅި ސަރަހައްދުން މަރުވި މީހުންގެ އަދަދު 220،000 އަށް އެރިކަން ފާހަގަކޮށްލެވެއެވެ.

އެ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި ރާއްޖޭގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި އެ ސުނާމީގައި ރާއްޖެއިން 82 މީހުން މަރުވެގެންދިޔަ އިރު 26 މީހަކު ވީނުވީއެއް ނޭންގި ގެއްލުންކަން ފާހަގަކޮށްލެވެއެވެ.

ކަނޑު އަޑިއަށް އަންނަ ބާރުގަދަ ބިންހެލުން އަންނަނީ ކަނޑުގެ އަޑީގައިވާ ފަރުބަދަތަކަށް އަންނަ ކުއްލި ލޮޅުމަކާ އެކުގައެވެ. ސުނާމީއަކީ މީގެ ސަބަބުން އުފެދޭ ރާޅުބާނިއެކެވެ. ބިންހެލުމާއެކު އުފެދޭ ރާޅުތައް ދަތުރުކުރާ ބާރުމިނާއި އޭގެ އުސްމިން ބޮޑުވެ އެއްގަމަށް އޮންނަ ނުރައްކާ ބޮޑުވެއެވެ.