ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޯގްރަފިކް އަދި މޯލްޑިވްސް އެލަޔަންސް ފޯ ޑައިވް އޮޕަރޭޓާސް (މޯޑޯ) ގުޅިގެން ޑައިވިން ހަރަކާތަކާ އެކު ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި ޑައިވިން ހަރަކާތަކީ ރާއްޖޭގެ އެންމެ ރީތި 50 ޑައިވިން ޕޮއިންޓްތަކަށް ފީނުމަށް ބާއްވާ ހަރަކާތެކެވެ. ފޮޓޯ މުބާރާތް އޮންނާނީ އެ ދުވަހު ނަގާ ފޮޓޯތަކުގެ މެދުގައެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ބާއްވާ މި ހަރަކާތުގައި ދިވެހި އަދި ބައިނަލްއަގުވާމީ ފޮޓޯގްރާފަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ. ބޭރުގެ ފޮޓޯގްރަފަރުން މުބާރާތުގައި ބައިވެރިވާން 10 ޑޮލަރުގެ ފީއެއް ދައްކަން ޖެހުނަސް ދިވެހި ފޮޓޯގްރަފަރުންނަށް ހިލޭ ބައިވެރިވެވޭނެއެވެ.
މުބާރާތުގައި ނަގާ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި ތިން ފޮޓޯ އެ ޑައިވްއަށް ހާއްސަ ފޮތުގައި ހިމަނާއިރު މޮޅު ފޮޓޯތައް އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ އަންޑަވޯޓާ އެގްޒަބިޝަނުގައި ހިމަނާނެއެވެ. އެ އެގްޒަބިޝަނުގައި 150 ފޮޓީ ހިމަނާއިރު އެއީ ދުނިޔޭގެ ރެކޯޑެކެެވެ.
އެ ހަރަކާތުގައި ޑައިވް ޕޮއިންޓްތައް ހޮވާނީ ކޮންމެ އަތޮޅަކުން އެ އަތޮޅެއްގެ ކައުންސިލުން ނޮމިނޭޓް ކުރާ ޑައިވް ސައިޓްތަކާއި ކޮންމެ ރިސޯޓަކުން ނޮމިނޭޓް ކުރާ ތިން ސައިޓާއި އިވެންޓުގެ ސްޕޮންސަރުން ނޮމިނޭޓް ކުރާ ސައިޓުގެ ތެރެއިންނެވެ.
އެ ހަރަކާތުގައި ޑައިވް ސެންޓަރުތަކާއި ރިސޯޓުތަކާއި ލިވަބޯޑްތަކަށް ވެސް ބައިވެރިވޭނެއެވެ. އެތަންތަނުން ބައިވެރިވާން ފީގެ ގޮތުގައި 85 ޑޮލަރު ދައްކަން ޖެހޭނެއެވެ.
އެ ޑައިވިން ހަރަކާތް ކުރިއަށްދާ ދުވަހު ބައިވެރިންނަށް އިތުރު ހަދިޔާތަކެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، އެ ދުވަހު ރާއްޖޭގައި 50 ވަނަ ޑައިވް ކުރާ މީހުންނަށް ޕަޑީ އާއި އެސްއެސްއައިގެ ކާޑެއް ލިބޭއިރު އެ ދުވަހު 50 ވަނަ އަހަރު ފުރޭ މީހުންނަށް ޑައިވް އޮޕަރޭޓަރުންގެ ފަރާތުން ހަދިޔާ ލިބޭނެ އެވެ.
ޑައިވް ހަރަކާތާއި ފޮޓޯގްރަފީ މުބާރާތް ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހުގެ ހެނދުނު 7:30ން ހަވީރު 5:30އަށެވެ. މުބާރާތުގެ ވަނަތައް އިއުލާން ކުރާނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!