ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުށް ސާބިތުނުވާތީ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އާޒިމާ އެގޮތަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކުރުމުގެ ދައުވާގެ ޝަރީއަތުގަ އެވެ. އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރަނީ ޔާމީނަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމަށް ބުނެ ކަމަށާއި އެކަމަކު ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކާ ހަވާލާދީ އާޒިމާ ވިދާޅުވީ ޕްރިންސިޕަލް (އަސްލުކުރި މީހާ) ގެ މައްްޗަށް ކުށް ސާބިތު ނުވަނީސް އެކްސެސަރީ (ކުށުގެ ބައިވެރިޔާ) ގެ މައްޗަށް ކުށް ސާބިތުނުވާނެ ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ފަރާތުން ހެކި ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ. އަދި އޭގެފަހުގައި އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!