މިއަހަރުގެ ފެބުރުއަރީ 2 ވަނަ ދުވަހު މާލޭގެ ގެއެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހާއަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާއިފި އެވެ.

އޭނާގެ މައްޗަށް ހުށައަޅާފައިވަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

Ad
rt

ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު މައުލޫމާތު ދީފައިވާ ގޮތުގައި އަނބިމީހާއަށް ވަޅިން ހަމަލާދިން މައްސަލާގައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނި ހުރީ ކްރިމިނަލް ކޯޓްގެ އަމުރުގެ ދަށުން ބަންދުގައި ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދިފައިވާތީ އެވެ.

މީގެއިތުރުން ކޯޓުން އެމީހާގެ ބަންދަށް ޖަހާފައިވަނީ 10 ދުވަސްކަމަށާއި ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު މައްސަލަ ބައްލަވާ ޤާޟީ ގޮތެއް ނިންމަވާނެ ކަމަށްވެސް ޕްރޮސިކިއުޓަރ ޝަފީއު ވިދާޅުވިއެވެ.