ޖަރުމަނު ލީގުގައި ބަޔާން މިޔުނިކާއި ހޮފެންހެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ހޮފެންހެއިމްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް، މި މެޗުގައި ބަޔާނުން ވަނީ މޮޅަށްކުޅެ ހޮފެންހެއިމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން ބަޔާނުން ވަނީ މުޅި މެޗުގައި ހޮފެންހެއިމްގެ ގޯލަށް ހަތަރު ލަނޑު ވައްދާލާފައެވެ. ނަމަވެސް އޭގެ ތެރެއިން ތިން ލަނޑު ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑު ވުމުން ވަނީ ކެންސަލް ކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ހޮފެންހެއިމުންނެވެ. މި ލަނޑު 32 ވަނަ މިނެޓުގައި ޑޭވިޑް ރައުމް ހުރެސްކޮށްދިން ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ދުރުކަނަށް ވައްދާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ބޯމްގާޓްނާއެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓްގެ ތެރޭ ބަޔާނުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކިމިޗް ނަގައިދިން ކޯނަރަކުން ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ.
މެޗުން މޮޅުވާން ގިނަ ފުރުޞަތުތަކެއް ބަޔާނަށް ލިބުނުއިރު އެ ފުރުޞަތުތަކުގެ ބޭނުން ހިފިފައި ނުވެއެވެ. މިގޮތުން ސާނޭއަށް ލިބުނު ހުސް ފުރުޞަތުތައް ފާހަގަ ކޮށްލެވެއެވެ. ބަޔާންގެ ސާޖް ގްނަބްރީއަށް ވެސް ހުސް ފުރުޞަތެއް ލިބުނުއިރު އޭނާ ފޮނުވާލި ހަމަލާ ވެސް އަމާޒު ވެފައި ވަނީ ގޯލުގެ ދަނޑިއަށެވެ.
ކުޅުނު 26 މެޗުން ލިބުނު 60 ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ބަޔާނެވެ. ބަޔާނަށްވުރެ ދެ މެޗު މަދުންކުޅެ ލިބުނު 50 ޕޮއިންޓާއިއެކު ތާވަލުގެ ދެ ވަނާގައި އޮތީ ޑޯޓްމަންޑެވެ. ބަޔާންއަތުން ޕޮއިންޓެއް ހޯދި ހޮފެންހެއިމް މިވަގުތު އޮތީ ތާވަލުގެ 5 ވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 44 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!